ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 20:05
ޔާމިން ރަޝީދު:މަރާލުމުގެ ކުރިން އެތައް އިންޒާރެއް ލިބުނު
ޔާމިން ރަޝީދު:މަރާލުމުގެ ކުރިން އެތައް އިންޒާރެއް ލިބުނު
ޓްވިޓަރ
ޔާމިން ރަޝީދު
ޔާމިން ރަޝީދަށް ދިން އިންޒާރުތަކަށް ފުލުހުން އިހުމާލުވި މައްސަލަ ބޭރުކޮށްލުމީ ލިބުނު ބޮޑު ހިތާމައެއް:އާއިލާ
އަނިޔާވެރިގޮތަކަށް ޔާމިން މަރާލަން ބަޔަކަށް ފުރުޞަތު ލިބުނީ، ޔާމީނަށް ބަޔަކު އިންޒާރުދެމުން ދިޔަ މައްސަލަތައް ނުބެލުމުން
މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމަކީ އިންސާފް ހޯދަން އެޅުނު ހުރަހެއް
އާއިލާއިން ފަސްޖެހުމެއްނެތި ކުރިއަށް ދާނަން

 ޔާމީން ރަޝީދަށް ބަޔަކު ރާވައިގެން އިންޒާރު ދިނުމާ ގުޅިގެން ފުލުހުންގެ މުވައްސަސާއަށް ތަކުރާރުކޮށް އެ މައްސަލަތައް ބަލައިދިނުމަށް އެދުމުންވެސް އެކަން ތަޙްޤީޤްކޮށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމާ ގުޅިގެން ފުލުހުންގެ އިހުމާލު އެކަމުގައި ހިމެނޭ ކަމަށް ޤަބޫލުކުރެވޭތީވެ، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި  އެ ކޯޓުން މައްސަލަ ނުބަލަން ނިންމުމަކީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައި އެ އާއިލާއިން ބުނެފިއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރ އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ އާއިލާއިން މިހެން ބުނީ އާއިލާއިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން ނެރުނު ބަޔާނެއްގައެވެ.

އާއިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޔާމީން ރަޝީދަށް ތަކުރާރުކޮށް ބަޔަކު މީހުން އިންޒާރު ދެމުންގޮސް 22 އޭޕްރީލް 2017 ދުވަހުގެ ދަންވަރު ވަރަށް އަނިޔާވެރިގޮތަކަށް އޭނާ މަރާލަން ބަޔަކަށް ފުރުޞަތުލިބުނީ، ޔާމީނަށް ބަޔަކު އިންޒާރުދެމުން ދިޔަ މައްސަލަތައް  2010 ވަނަ އަހަރުން ފެށިގެން މޯލްޑިސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން، އެމައްސަލަތައް ތަޙްޤީޤުކޮށް އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އިހުމާލުވުފައިވާތީކަމަށް ޢާއިލާއަށް ޤަބޫލުކުރެވޭތީ، އެމައްސަލަ ސިވިލް ކޯޓަށް ޢާއިލާގެ ފަރާތުން ހުށަހަޅާފައިވަނީ 3 މެއި 2017 ވަނަ ދުވަހުކަމަށެވެ.  އަދި އެމައްސަލަ 23 މެއި 2017 ދުވަހު އެކޯޓުން ބަލައިގަނެ 4 އަޑުއެހުން ބޭއްވުމަށް ފަހު، އާދީއްތަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ކޯޓުން ޙުކުމްކޮށްފައި ވަނީ އެމައްސަލަ އެކޯޓުން ބަލައި ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކަމަށެވެ.

ސިވިލް ކޯޓަށް ޔާމީންގެ ޢާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަމުން މައްސަލަ ބެއްލެވި ޤާޒީ ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާ އަދާކުރުމަށް އިޚްމާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ބަލައިފިނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ މަޤްޞަދު ގެއްލިގެން ދާނެ ކަމަށެވެ. ކޯޓުން މިނުކުތާގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމިއިރު، އެނުކުތާއަކީ ދަޢުލަތުގެ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫން ކަމަށާއި އެނުކުތާއަކީ ޤާޒީގެ އަމިއްލަ އިސްނެންގެވުމަށް، މައްސަލަ ހުށަހެޅިފަރާތަށް އެކަމާ ގުޅޭގޮތުން ބަހެއް ބުނުމުގެ ފުރުޞަތު ދިނުމަކާނުލައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.  

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، އެކޮމިޝަނަށް ބެލެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަކި ވަކި ފުލުހުންގެ މައްސަލަތަކެވެ. އެހެންކަމުން، ފުލުހުންގެ އިދާރާގެ ފަރާތުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކުގެ މައްސަލަތައް ނުވަތަ އެމުއައްސަސާއިން އިހްމާލުވާ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަންޖެހެނީ ވަކިވަކި ފުލުހުންގެ މައްޗަށްކަން އެމައްސަލައިގެ ނިންމުމުން އެގެއެވެ. ނަމަވެސް ޔާމިންގެ އާއިލާއިން ޤަބޫލުކުރާ ގޮތުގައި ވަކިވަކި ފުލުހުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކުގެ ޒިންމާ އެފުލުހުންގެ އިތުރުން މުޅި ފުލުހުންގެ މުއައްސަސާއިން ވެސް ނަގަންޖެހޭނެ ކަމަށާއި އިންސާފަށް ވާސިލުވުމަށްޓަކައި މި ދެފަރާތަކީ ވެސް ޤާނޫނު ކުރިމަތީގައި ޒިންމާދާރުކުރެވެން ޖެހޭނެ ދެފަރާތް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ. މިއީ ޢާއިލާގެ ފަރާތުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއްކަމުގައި ވީނަމަވެސް، ޔާމީނަށް އިންސާފު ލިބެންދެން މިމަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް ޔާމިންގެ އާއިލާއިން ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް