ފްލެޓްތަކުގެ މައްސަލާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަދި މާލެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަލޭ ސިޓީ ކައުންސިލްގެ މެމްބަރުން، ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލު ކުރެއްވުމަށް ކުރިމަސައްކަތް ކާމިޔާބު ނުވުމުން އެފަރާތްތަކަށް މަލާމާތް ރައްދުވާގޮތަށް ހައުސިންގ މިނިސްޓްރީގެ ރަސްމީ ޓްވީޓަރ އެކައުންޓުން ޓްވީޓެއް ކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓާ ގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މާފަންނުމެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުގެ އެދިލެއްވުމަކަށް މިނިސްޓަރު މުއިއްޒު އެފަރާތްތަކާ ބައްދަލު ކުރައްވައިފި ކަަމަށެވެ.
Gedhoruverikurun flat ge listaa gulhey gothun, MP @Asma777818 adhi @RifauMP ge edhilevvumakah minister @MMuizzu bahdhalu kuravvaifi pic.twitter.com/WVvga8Xks1
— housing.gov.mv (@HousingGovMv) September 17, 2017
ހައުސިންގ މިނިސްޓްރީގެ އެ ޓްވީޓުން އެނގޭ ގޮތުގައި މެމްބަރު އަސްމާ އާއި ރިފާއު އާއި މިނިސްޓަރު މުއިއްޒު ބައްދަލު ކުރައްވާފައި މިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މާލެ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ބައްދަލު ކުރެއްވުމަށް އާދިއްތަ ދުވަހުގެ 10:45 އަށް ހައުސިންގ މިނިސްޓަރު މުއިއްޒު އާ ބައްދަލު ކުރެއްވުމަށް އެ މިނިސްޓްރީއަށް ވަޑައިގެން ގަޑިރަކަށް ވުރެ ގިނަ ވަގުތު އެމިނިސްޓްރީގެ ތެރޭގައި މިނިސްޓަރާ ބައްދަލު ކުރެވޭތޯ ކުރި މައްސައްކަތް ނާކާމިޔާބުވެ، އަދި އެމިސްޓަރީގެ އެއްވެސް ޖަވާބެއް ނުލިބި އެ ބޭފުޅުން އެމިނިސްޓްރީން އަނބުރާ ވަޑައިގެންނެވިތާ އެތައް އިރެއް ފަހުންނެވެ.
ހައުސިން މިނިސްޓްރީން އެ ޓްވީޓް ކުރައްވާފައި ވަނީ މެންދުރު ފަހު ތިނެއް ޖަހާ ކަންހާއިރު އެވެ.
ފްލެޓް ލިބޭ ފަރާތްތަކުގެ ނަންތައް ސިއްރު ކުރުމަށް ފަހު އާއްމު ކޮށްފައި ވަނީ ފްލެޓަށް އެދި އެ ފަރާތްތައް ހުށަހެޅި ފޯމް ނަމްބަރު ތަކެވެ. އެކަމާއި ގުޅިގެން ގި އަދަދެއްގެ ރައްޔިތުންގެ ޝަކުވާތައް މިނިސްޓްރީއަށް އޮހެމުން ދިޔަ ނަމަވެސް މިނިސްޓްރީ އެކަށީގެންވާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ފްލެޓާއި ގުޅިގެން ގިނަ އަދަދެއްގެ މާލޭގެ ރައްޔިތުންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ ރައްޔިތުންގެ ޝަކުވާތައް މިނިސްޓްރީއަށް އޮހެމުންދާއިރު މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އިސްނަންގަވައިގެން މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. އެ ޕެޓިޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.