ގެދޮރިވެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މާލެގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބިފައިވާ މީހުންގެ ނަންތައް ސިއްރުކުރުމާ ގުޅިގެން އެ ލިސްޓާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވެފައި ވާތީ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
ފްލެޓް ލިބޭ ކަމަށް ހައުސިންގ މިނިސްޓްރީން އާއްމު ކޮށްފައިވާ ލިސްޓްގައި ވަނީ ހަމައެކަނި ފްލެޓަށް އެދި ހުށަހެޅި ފޯމް ނަމްބަރު އެކަންޏެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރުމާ އެކު ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ނަން ސިއްރުކުރި އެމީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށެވެ.
ފްލެޓާއި ގުޅިގެން ގިނަ އަދަދެއްގެ މާލޭގެ ރައްޔިތުންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ ރައްޔިތުންގެ ޝަކުވާތައް މިނިސްޓްރީއަށް އޮހެމުންދާއިރު މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕެޓިޝަންގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.
އާދިއްތަ ދުވަހު މާލެ ސީޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވުމަށް އެމިނިސްޓްރީއަށް ވަޑައިގެންނެވި ނަމަވެސް އެބޭފުޅުންނާ މިނިސްޓަރ މުއިއްޒު ބައްދަލު ކުރައްވާފައެއް ނުވެއެވެ.