މުދަލުގެ އަގު އޮޅުވާލައިގެން އަގު ދަށްކޮށް ހުށަހެޅުމާ ގުޅިގެން ދައުލަތަށް 7.6 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ކޮރަޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
މިރިޕޯޓަކީ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ކަސްޓަމްސްގެ ދާއިރާއާ ގުޅޭ ގޮތުން ހެދި ދިރާސާ ރިޕޯޓެކެވެ.
ރިޕޯޓް ނެރުމަށް އާދިއްތަ ދުވަހު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި މި ރިޕޯޓް ނެރެދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފްއެވެ.
ކޮރޮޕްޝަން ރިސްކް އެސެސްމަންޓް ރިޕޯޓު އާންމު ކުރުމަށް ފަހު، އެ އެސެސްމަންޓުގައި ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވަހަކަދައްކަވަމުން އޭސީސީގެ ރިސާޗް އޮފިސަރ ފާތިމަތު އިބްނާ ވިދާޅުވީ މުދަލުގެ އަގު އޮޅުވާލައި މަދުން ފައިސާ ދެއްކި މައްސަލަތަކަކުގައި 7،635،882.81 (ހަތް މިލިއަން ހަ ލައްކަ ތިރީސް ފަސްހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ އަށްޑިހަ އެއްލާރި) ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.
އަދި އޭގެ ތެރެއިން 248،122.83 (ދެ ލައްކަ ސާޅީސް އަށްހާސް ސަތޭކަ ބާވީސް ރުފިޔާ އަށްޑިހަ ތިން ލާރީ)ގެ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމުގެ ޝަރީއަތްތައް ކޯޓުތަކުގައި ހިނގަމުންދާ ކަމަށާއި 5،295،968.17 (ފަސް މިލިއަން ދެ ލައްކަ ނުވަދިހަ ފަސްހާސް ނވަސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ސަތާރަ ލާރި) ހޯދުމުގެ މަސައްކަތް ވެސް ކަސްޓަމްސް އިން މިހާރު ވެސް ކުރަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން 2012 އިން 2015 ވަނަ އަހަރާ ދެމެދު، އަގު އޮޅުވާލުމުގެ ސަބަބުން ކަސްޓަމްސް އިން 246 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. އޭގެ ތެރޭގައި އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ ޖޫރިމަނާ ނުކޮށް 195 މައްސަލައެއް ދޫކޮށްލި އިރު 12 މައްސަލައެއް އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވައި 11 މައްސަލައެއްގައި ދައުވާ ކޮށްފައި ވެއެވެ.
ކަސްޓަމްސްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު ހެދިފައި ނުވުމަކީ ހިޔާނާތަށް މަގު ފަހުވެދާނެ ކަމަކަށްވާތީ އެކަންކަން ރަނގަޅު ކުރާނެ ގޮތުގެ ލަފާ ދީފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.
މިއީ އޭސީސީން މިގޮތަށް ނެރުނު ދެވަނަ ރިޕޯޓެވެ. އެގޮތުން މިއަހަރު ވަނީ ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން މިފަދަ ރިޕޯޓެއް ނެރެފައެވެ. އަދި މިއަހަރުގެ ތެރޭގައި އިމިގްރޭޝަނާއި ހައްޖުގެ ނިޒާމާ ގުޅޭ ގޮތުން ވަނީ ދިރާސާ ކުރަން ފަށާފައި ކަމަށް އޭސީސީން ބުންޏެވެ.