މ. މަޑުއްވަރީން މޫދަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ފަށައިފިއެވެ.
މިހާދިސާގެ މަޢުލޫމާތު އާދިއްތަ ދުވަހު ހެނދުނު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ, މ .މުލީ ޕޯސްޓްގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް އެރަށަށް ގޮސް އެމީހާގެ ޚަބަރެއް ވޭތޯ ދަނީ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަޑުއްވަރީން މޫދަށް ދިޔަ ފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދަނީ އެރަށު އާބާދީ ގުލްޝަންގޭ އުމުރުން 60 އަހަރަށް ވުރެ ގިނަ ދުވަސްވީ ފިރިހެނެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އެންމެ ފަހުން ފެނިފައި ވަނީ އެރަށު ފުއްޓަރު ފަރާތުގައި ހެނދުނު 07:30 ހާއިރު ފައިގައި ވެލިމޮޑެން އިންދައެވެ. އަދި އެމީހާ ލައިގެންހުރި މުންޑު އެރަށު ހުޅަނގު ފަރާތު މޫދުން އެމީހާގެ އާއިލާގެ މީހަކަށް ވަނީ ފެނިފައެވެ.
މިމިހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ދޮށިމޭނާ" އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.