ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 12:43
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ސަން
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ އަށް 165 މިލިޔަން ރުފިޔާ ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ހުކުމް ކޮށްފި
އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި ދައްކަން ޖެހޭނެ
އެއީ ދައްކަން ނުޖެހޭ ފައިސާއެއް ކަން އެސްއޯއެފް އަށް ސާބިތު ކޮށްދެވިފައެއް ނުވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައި އެ ފައިސާ އެމްއެމްޕީއާރުސީ އަށް ދެއްކުމަށް ސިވިލް ކޯޓުން އާދީއްތަ ދުވަހު ހުކުމް ކޮށްފިއެވެ. 

ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން އެސްއޯއެފް އިން އެ ފައިސާ އެމްއެމްޕީއާރުސީ އަށް ދައްކަން ޖެހޭނީ ހަ މަސް ދުވަސް ތެރޭގައެވެ. 

ހުކުމުގައި ބުނެފައިވާ ގޮތުގައި އެމްޕީއާރުސީ އަށް އެސްއޯއެފް އަށް ދިން ފައިސާ އަނބުރާ އެ ކުންފުންޏަށް ދިން ކަމަށް އެސްއޯއެފް އަށް ސާބިތު ކޮށްދެވިފައެއް ނުވެއެވެ. އަދި އެ ފައިސާއަކީ އެސްއޯއެފް އިން އެމްއެމްޕީއާރުސީ އަށް ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް އެސްއޯއެފް އަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ. އެހެން ކަމުން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކަށްވާވަރު އެސްއޯއެފް އިން އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ އެ ކުންފނީގެ މައްޗަށް ހުކުމް ކޮށްފައެވެ. 

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައި ވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.


އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ އަދި ހިބަޅިދޫ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނު ކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށްލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާ ކޮށްފައި ވެއެވެ.


އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަންރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް