ރައީސް ޔާމީނަކީ ޑިމޮކްރެސީގެ އެއްވެސް ހަމައެއް އުސޫލެއް ގަބޫލްފުޅުކުރައްވަ ބޭފުޅެއްނޫން ކަމަށް އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެސީ ދުވަހާއި ގުޅުވައިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ހަސަން ލަތީފް ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައި ދިނުމާއި، ޚިޔާލުފާޅުކުރުމާއި، މިކަންކަން ކުރެވެނީ މީޑިއާ މެދުވެރިކޮށްކަމުން، މީޑިއާއެއް ބާއްވައިގެން ރައްޔިތުންނަށް ރައީސް ޔާމީން ރުހިވަޑައިނުގަންނަވާ އެއްވެސް ކަމެއްގެ މައުލޫމާތު ލިބޭނޭ ގޮތެއް ހެއްދެވުމަކީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް ނޫނެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނު ގަޔާނުވާ އެއްވެސް މީޑިއާއަކަށް މިހާރު އެއްވެސް ފުރުސަތެއް ނެތްކަމަށެވެ.
"ފުރުސަތު އޮތީކީ ނޫނެއް ނޫންތޯ، އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖެޓީވީ، ރާއްޖެ ޓީވީ ރޯކޮށް އަޅިޔަށް ހަދާލިއިރު އަދިވެސް އެކަމުގެ ތަހުގީގެއް ނުނިމޭ. އެކަން ކުރި މީހެއް ނޭނގޭ،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނޫސްވެރިނަށް މިއަދު އެތަކެއް އަނިޔާއެއް ލިބެމުން ދާއިރު، އެ މައްސަލަތައް ބަލައި ތަހުގީގު ހިނގަމުންނުދާކަމަށެވެ. ރައީސް ޔާމީނަކީ މީޑިއާއަށް ވަރަށް ބީރައްްޓެހި ބޭފުޅެއްކަމަށާއި ކުރީގެ ރައީސުން ފަދައިން އެކަން އެގޮތަށް ކުރެއްވެންވެސް ރައީސް ޔާމީނަށް ނެތީކަމަށެވެ. ސަބަބަކީ އެމަނިކުފާނު ފަލީހަތް ވެފައިވާ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އިވިގެންދަނީ މީޑިއާ މެދުވެރިކޮށް ރައީސް ޔާމީން އެއްޗެއް ވިދާޅުވާ ކޮންމެފަހަރަކު ގާނޫނާއި ޚިލާފު ވާހަކަފުޅުތައް ދައްކަވާ މަންޒަރުކަމަށެވެ. އެގޮތުން ކުރާ ވަށްކަންތަކުގެ ވާހަކަވެސް ވަރަށް ސާފްކޮށް ތިލަކޮށް އިއުތިރާފްވެވަޑައިގަންނަމުންދާކަމަށެވެ.
އޭނާ ވިދާޅުވީ އަބުރުގެ ގާނޫނެއް ހައްދަވާ އެގާނޫނާއި އެކު މީޑައާއަށް ލިބިފައިވާ މިނިވަންކަން ހިފެހެއްޓިފައިވާކަމަށާއި، އެ މިނިވަންކަން ރައީސް ޔާމީން ނުވެސް ދެއްވާނޭކަމަށެވެ.