އދ. ގައި ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި ވޯޓުގައި ބައިވެރިނުވީ އެފަދަ ވޯޓްތަކުގެ ސަބަބުން ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ބާރުގަދަ ގައުމުތަކަށް ފުރުސަތު ދެވޭތީ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އ.ދ. ގައި ހުކުރު ދުވަހު ނެގި ވޯޓަކީ އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިހާރު ކުރިއަށްދާ 72 ވަނަ ސެޝަންގެ އެޖެންޑާ އާއި އެސެޝަނުގެ މަސައްކަތްތައް އިންތިޒާމް ކުރުމަށް ހަވާލުކުރެވިފައިވާ އާންމު ކޮމިޓީގެ ރިޕޯޓުގައި، ޖެނެރަލް އެސެމްބްލީގެ އެޖެންޑާ ނަންބަރު 132 ގެ ދަށުން 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އެންޑް ދަ ޕްރިވެންޝަން އޮފް ޖެނޮސައިޑް، ވޯ ކްރައިމްސް، އެތުނިކް ކްލެންސިންގ، އެންޑް ކްރައިމްސް އެގެއިންސްޓް ހިއުމެނިޓީ' މިމައުޟޫޢު ހިމަނާނެތޯ ނުވަތަ ނުހިމަނާނެތޯ ބެލުމަށް ނެގުނު ޕްރޮސީޖަރަލް ވޯޓެއް ކަމަށެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އެ ވޯޓަކީ ރޮހިންޖާ މުސްލިމުންނާއި ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެވޯޓުގައި ހިމެނޭ މައްސަލައިގައި ރޮހިންޖާ މުސްލިމުންގެ ނަން ހިމަނާފައި ވެސް ނުވާ ކަމަށެވެ.
މިނިސްޓްރީއިން ބުނީ 'ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް' ނުވަތަ އާރު. ޓޫ.ފީ ގެ އުޞޫލުގެ ނަމުގައި ޤައުމުތަކުގެ ދާޚިލީ ކަންތައްތައްތަކުގެ ތެރެއަށް ބާރުގަދަ ޤައުމުތަކުން ވަންނަން ފުރުޞަތު ދެވޭތީ އާރު.ޓޫ.ޕީގެ ނަމުގައި ފިޔަވަޅު އެޅުމަށް އަމާޒުކޮށް އ.ދ. ގެ އާންމު މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވުމަށް ރާއްޖެއިން ވަނީ ވަރަށް ކުރިއްސުރެ ވެސް ނިންމާފައި ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ ރާއްޖެއިން އަބަދުވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންތައްތައް ކަމަށެވެ. އަދި އެ ޖަރީމާތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ރާއްޖެއިން އ.ދ. ގައި ސެޕްޓެމްބަރު މަހުގައި ވެސް ގޮވާލާފައިވާނެ ކަމަށް ބުނެފައިވެއެވެ.
އެ ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ބެހޭގޮތުން ނެގުނު ވޯޓެއް ނޫން ކަމަށާއި އެ މައްސަލައިގައި ރޮހިންޖާ މުސްލިމުންގެ ނަން ވެސް ހިމަނާފައިނުވާ ކަމަށް ދިވެހި ސަރުކާރުން ބުނާއިރު ގްލޯބަލް ސެންޓަރ ފޯ ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް(ޖީސީއާރްޓޫޕީ) އިން ހޮނިހިރު ދުވަހު ނެރުނު އާރްޓޫޕީ މޮނިޓަރ އިޝޫ 35 ގައި ބުނެފައިވާ ގޮތުން މިޔަންމާގެ ސަރުކާރުން ދަނީ ރޮހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސެންޓަރުގެ ރިޕޯޓުގައިވާ ގޮތުން ރޮހިންޖާ ދަރިކޮޅާ ދެކޮޅަށް ހިންގަމުންދާ ކަންތައްތަކަކީ އިންސާނިއްޔަތާ ދެކޮޅު އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްކުށެވެ.
އެ ސެންޓަރުން ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ވީހާވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފަ އެވެ. އެގޮތުން، މިޔަންމާގެ އަސްކަރިއްޔާއާއި ފުލުހުންނާއެކު ކުރިއަށްދާ އެންމެހާ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ހުއްޓާލުމަށާއި އިންސާނީ އެހީދޭ ފަރާތްތަކަށް ރަޚައިން ސްޓޭޓްއަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށާއި، ރޮހިންޖާ ދަރިކޮޅަށް ތަފާތުކުރުމަށް ތަސްދީގުކޮށްފައިވާ އެންމެހާ ގާނޫނުތައް އުވާލުމަށް ވަނީ ގޮވާލާފަ އެވެ.
މިޔަންމާގެ އިތުރުން، ސީރިއާ، އިރާގު، ޔަމަން، ސައުތް ސޫދާން، ޑީއާރް ކޮންގޯ، ސޫދާން، ބުރުންޑީ، ފިލިޕީންސް، އަފްގާނިސްތާން އަދި ސޯމާލިއާގެ ހާލަތާ މެދު ވެސް އެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުން ހާމަވެ އެވެ.
އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.