ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހައުސިންގ މިނިސްޓްރީއިން އާންމުކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން އެ ކޮމިޝަނަށް ފަސް މައްސަލައެއް މިހާތަނަށް ހުށަހެޅިފައިވާ ކަމަށެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާނުކުރި އިރު، ފްލެޓް ލިބޭ މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ ފޯމް ނަމްބަރު އެކަންޏެވެ.
މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީ އާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެހެން ނަމަވެސް، ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓް ލިބޭ 661 މީހުންގެ ނަމާއި އެހެނިހެން މައުލޫމާތު ސިއްރުކޮށްފައި ވަނީ އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހުރިހާ މައްސަލައެއް ވެސް ބަލާނެ ކަމަށާއި، ހައުސިންގ މިނިސްޓްރީއިން އެކަމާ ގުޅޭ އެންމެހާ މައުލޫމާތު ކޮމިޝަނުން ހޯދާނެ ކަމަށެވެ.
ހައުސިންގ މިނިސްޓްރީއިން އާންމުކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގިނަ ބަޔަކު ދަނީ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންނެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ އާދިއްތަ ދުވަހެވެ.
ފްލެޓް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހު ކަމަށް މިނިސްޓްރީއިން ބުނެ އެވެ.