ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 09:17
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ގޫގުލް
ނަސްލު ނައްތާލުން
ނަސްލު ނައްތާލުމާއި ގަތުލު އާންމު ހުއްޓުވުމަށް އދ. ގައި ނެގި ވޯޓަށް ރާއްޖެ ހާޒިރެއް ނުވި!
ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ހާޒިރުނުވަނީ ރާއްޖެ އެކަނި
އައިޓަމް ހިމެނުމަށް ފާސްވީ 113 ވޯޓުން، ދެކޮޅަށް 21 ވޯޓް
ސައުދީއިން އެއްކޮޅަށް ވޯޓް ދިން އިރު، ޗައިނާއިން ދިނީ ދެކޮޅަށް

މިޔަންމާ ސަރުކާރުން ރޯހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވާކަން ހާމަވެއްޖެ އެވެ.

އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުން ހާމަވެ އެވެ.

އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.

ރަސްމީ އެޖެންޑާގައި އެ އައިޓަމް ހިމެނުމަށް ވޯޓް ނެގިއިރު ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ހާޒިރުވެ ނެތީ ރާއްޖެ އެކަންޏެވެ. އެގޮތުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެ ހުށަހެޅުމާ ދެކޮޅަށް ހަމައެކަނި ވޯޓް ދިނީ ޕާކިސްތާނުންނެވެ. ބޫޓާނުން ވަކިކޮޅަކަށް ވޯޓް ދީފައިނުވާއިރު، މި ސަރަހައްދުގެ އެހެން ގައުމުތަކުން ވޯޓް ދީފައި ވަނީ ހުށަހެޅުމާ އެއްކޮޅަށެވެ.

މުސްލިމު  އާބާދީ ބޮޑު ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއާއި، އަފްގާނިސްތާނާއި، ބަންގްލަދޭޝާއި، މެލޭޝިއާއާއި، މޮރޮކޯއާއި، ގަތަރާއި، ތޫނިސް އަދި ތުރުކީ އިން ވޯޓް ދީފައިވަނީ އެ ހުށަހެޅުމާ އެއްކޮޅަށެވެ. އެހެން ނަމަވެސް، މިސްރާއި، އީރާނާއި، ސީރިއާ އަދި ސޫދާނުން ވޯޓް ދީފައި ވަނީ ހުށަހެޅުމާ ދެކޮޅަށެވެ.

ދިވެހި ސަރުކާރުން ގާތްގުޅުމެއް ބާއްވާ ޗައިނާއިން ވޯޓް ދީފައި ވަނީ ހުށަހެޅުމާ ދެކޮޅަށެވެ. މިޔަންމާއާއި، ރަޝިޔާއާއި، ކިއުބާއާއި، ވެނެޒުއޭލާ އަދި ޒިމްބާބުވޭ އިން ވެސް ވޯޓް ދިނީ ހުށަހެޅުމާ ދެކޮޅަށެވެ.

ހުށަހެޅުން ފާސްވުމާ ގުޅިގެން ގްލޯބަލް ސެންޓަރ ފޯ ދަ ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް އިން ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ ރަސްމީ އެޖެންޑާގައި މި އައިޓަމް ހުށަހަޅަން ފާސްވުމުން ހުރިހާ ގައުމަކުން ހިތްހަމަނުޖެހިދާނެ ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ބޮޑެތި ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އަމަލުކުރާނެ ގޮތާ މެދު ކުރާ ބަހުސަކަށް އެއްވެސް ގައުމަކުން ބިރު ގަންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އދ. ގެ ރަސްމީ އެޖެންޑާގައި މިފަދަ އައިޓަމެއް ހިމެނުމަށް ހުށަހަޅާފައިވަނީ، މިޔަންމާ ސަރުކާރުން ރޯހިންޖާ ދަރިކޮޅު ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯން ގުުޓިއަރޭޒް ވިދާޅުވެފައިވަނިކޮށެވެ. 

ރޯހިންޖާ ދަރިކޮޅާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގިނަ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަޚަައިން ސްޓޭޓްގެ ގެތައް ރޯކުރުމާއި، އަންހެނުންގެ އިއްފަތް ފޭރިގަތުމާއި، ކުޑައެއް ބޮޑެއް ނެތި ރޯހިންޖާ ދަރިކޮޅު ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު، މިޔަންމާ ސިފައިން ހަމަލާތަކުން ސަލާމަތްވުމަށް 380،000 ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝް ބޯޑަރު ހުރަސްކޮށް އެގައުމަށް އެތެރެވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް