ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 19:02
"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސައި
"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސައި
ރާއްޖެ އެމްވީ
ޑިމޮކްރެސީ ދުވަސް
"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސައެއް ބާއްވައިފި
މި ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި
ޑިމޮކްރެސީ ދުވަސް ފާހަގަކުރަމުންދާއިރު، ގައުމުގައި ޑިމްކްރެސީގެ ހާލަތުއޮތް މިންވަރާގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައި

"ޑިމޮކްރެސީ ސައި"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ހަވީރުގެ ސައެއް ބާއްވައިފިއެވެ.

 

ހުކުރު ދުވަހު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހާއި ގުޅުވައިގެން ހުކުރު ދުވަހު ހަވީރު 4.30 ގައި ފެށި މި ސައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއި، ޕާޓީތަކުގެ ގިނަ އަދަދެއްގެ އާއްމު މެންބަރުން ވަނީ ބައިވެފައެވެ. އަދި ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވަނީ މި އިވެންޓްގައި ބައިވެރިވެވަޑާއިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ މި ވެރިކަމުގައި ގައުމުގައި އުފެދުނު ޑިމޮކްރެސީ އޭގެ ޅަފަތުގައި އޮއްވާ ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ގައުމަށް ޑިމޮކްރެސީ ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ގުރުބާނީ އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

 

 އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ރައީސް ނަޝީދަކީ މިގައުމުގެ ޑިމޮކްރެސީގެ ބައްޕަކަމަށެވެ.   އަދި މި ގައުމަށް ޑިމޮކްރެސީ ގެނައުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ ފަޚްރުވެރިވާފަދަ މަސައްކަތްތަކެއްކަމަށެެވެ.  ޝިފާޒް ވިދާޅުވީ ޑިމޮކްރެސީގެ އެންމެ މުހިއްމު އެއް އަސާސަކީ، އެއްވެ އުޅުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އޮތުންކަމަށެވެ. އަދި ޑިމޮކްރެސީއެއްގައި ރައްޔިތުން އެދޭނެ އެންމެބޮޑު އެއް އެދުމަކީވެސް އެއީކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވީ، މިގައުމުގެ ޑިމްކްރެސީ ގާދޫކޮލުން ބޭރަށް ދާއިރު މިއަދު އެއްމެބޮޑަށް ހަދާންވަނީ، ޑިމޮކްރެސީގެ ދިފާއުގައި މިގައުމުގައި މަސައްކަތްކުރި އިސްލީޑަރުންގެ ތެރެއިން ޖަލަށްލެވިފައި ތިއްބެވި ބޭފުޅުންގެ މަތީންކަމަށެވެ. އަދި އެބޭފުޅުން ވަގުތުން މިނިވަން ކުރުމަށް މަޚްލޫފް ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

 

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ، މިއަދު މި ގައުމުގެ އިސްލަހަށް ނުކުމެ ވަޑައިގެން ތިއެްބެވި ހަތަރު ލީޑަރުންނަކީ ޑިމޮކްރެސީގެ ޗެމްޕިއަނުންކަމަށެވެ. އަަދި ހަގީގީ ޑިމޮކްރެސީއަކީ ރައްޔިތުން ނުރުހޭ ގޮތަށް ވެރިކަންކުރީމައި، އެ ވެރިމީހާގެ އިސްތިއުފާއަށް ގޮވޭނޭގޮތް ވުންކަމަށެވެ. އަދި މި ގައުމަށް ޑިމޮކްރެސީއެއް ގެނައުމަށާއި، ގާނޫނުއސާސީއެއް ގެނައުމަށް ދިވެހިންވަރަށް ބުރަ މަސައްކަތެއް ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

 

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ޑިމޮކްރެސީ ދުވަހެއް  ފާހަގަކުރަމުންދާއިރު އެ ޑިމޮކްރެސީ މިއަދު އޮތީ ވަރަށް ޚުތޫރަތްތެރި ފައްތަރެއްގައިކަމަށެވެ.  ޑިމޮކްރެސީގެ މައި ތިންތަނބު އެކަށީގެންވާގޮތުގައި މަސައްކަތް ނުކުރާކަމަށެވެ. އަދި އޭގެ ތެރެއިން ދެ ތަނބު އޮތީ އަރިއަޅާލާ ވެއްޓެން ކައިރިވެފައިކަމަށެވެ. އެ ދެ ތަނބު އޮތީ ރައީސް ޔާމީންގެ ބާރުގެ ދަށުގައިކަމަށް އޭނާ ވިދާޅުވިއެވެ.

 

މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރު އާމިނަތު ނާދިރާ ވިދާޅުވީ، މިއަދު މިގައުމުގެ ޑިމޮކްރެސީއޮތް ހާލަތު އެއްމެ ޕާޓީއެއްގެ ތެރެއިން އެ އޮތީ ފެންނާންކަމަށެވެ. ޕީޕީއެމްގެ އެތެރޭގައި ޑިމޮކްރެސީ ނެތްކަމަށާއި، އެތެރޭގައި ޖެހުނު މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ އުސޫލު ރައީސް ޔާމީނަށް ހަޖަމުނުވިކަމަށް ވިދާޅުވި އެވެ.

 

މި ހަރަކާތުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ މަޖިލީހުގެ މެންބަރުންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި، ސިޔާސީ ވެރިންނާއި ޖަލުތަކުގައި ނުހައްގުން އަނިޔާ ލިބެމުންދާ ހުރިހާ ފަރާތައް ދޫކޮށްލުމަށް ގޮވާލާ ޝުއޫރު ފާޅުކޮށްފައެވެ. އެހެން ދުވަސްދުވަހާއި މުޅިން ތަފާތުކޮށް މި ސިޔާސީ ހަރަކާތަށް އެއްވެސް ވަރަކަށް ފުލުހުން ހުރަސްއަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް