ޖުޑިޝަރީ އިސްލާހު ކުރުމަށްޓަކައި ގިނަ ގާނޫނީ ވަކީލުންތަކެއް ކުރަމުންދާ މަސައްކަތުގައި ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު މުނައްވަރު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ބައިވެރިވެވަޑައިގަންނަވާ ކަމަށް ދޭހަވާގޮތަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ޓްވީޓެއް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ޝަމީމު ކުރެއްވި ޓްވީޓްގައި ވަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ އިތުރުން ކުރީގެ ފަނޑިޔާރުންނާއި ތަހުގީގު އިދާރާތަކުގެ މަސައްކަތްކުރާ ފަރާތްތަކުގެ އެއްބާރުލުން، އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރުމަށްޓަކައި ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން މިހާރު ކުރިއަށް ގެންދާ ހަރަކާތަށް ލިބެމުންދާ ކަމަށެވެ.
ޝަމީމުގެ އެޓްވީޓްގައި ވަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނޭ ފޮޓޯއެއްވެސް ހިމަނުއްވާފައެވެ. އެފޮޓޯއިން ފެންނަނީ ޝަމީމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އާއި ޑރ. މުނައްވަރު އަދި އަޒްމިރަލްދާ ޒާހިރުގެ އިތުރުން ކުރިން ފުލުހުންގެ އިދާރާގައި ބޮޑެތި މައްސަލަތަކެއްގެ ތަހުގީގުތަކެއް ހިންގާފައިވާ، އަދި ދާދިފަހުން ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރަން ނިންމާފައިވާ މުހައްމަދު ރިޔާޒެވެ. ނަމަވެސް ޝަމީމު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާޒު އެއީ އެ ހަރަކާތުގެ ބައިވެރިއެއް ނޫން ކަަމަށެވެ.
More supporters / stakeholders of judicial reform.. Together, we shall prevail @AleeVoice pic.twitter.com/Rxt8fiHe9q
— Hussain Shameem (@HuShameem) September 14, 2017
For clarification -Riyaz Sir is not a part of the movement. He's a respected lawyer I ran into after meeting Dr M & co. Pleasure meeting all
— Hussain Shameem (@HuShameem) September 14, 2017
ޑރ. މުނައްވަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވުމަށްފަހު، އެމްޑީޕީ އެފުދުމާއެކު އޭރު ހިންގި އިސްލާހީ ހަރަކާތުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ އެމްޑީޕީގެ ފުރަތަމަ ރައީސެވެ.
ޑރ. އަޒްމިރަލްދާ ޒާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސް ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ. އެކަމަނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ހައިކޯޓުގެ ދެކުނު ގޮތްޕެއް އުފައްދައި އެ ގޮތްޕަށް ބަދަލުކުރެއްވި ފަހުންނެވެ. އަޒްމިރަލްދާ ޒާހިރުގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު ޒާހިރު ގެންދަވަނީ އަދުލްއިންސާފުގެ ދާއިރާއާ މެދު ރައްޔިތުން ޝައްކު އުފައްދާ ކަމަށާއި އަދުލްއިންސާފުގެ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަދި ސަސްޕެންޑް ކޮށްފައިވާ ވަކީލު އަލްއުސްތާޒް އަލީ ހުސައިން ވަނީ ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްކުގައި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ "ފުންނާބުއުސް" ބޭފުޅުން، އެބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަވެ. އަދި ޕެޓިޝަނެއް ތައްޔާރު ކުރަމުންދާ ކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ޖުޑިޝަރީގައިހުރި ބައެއް މައްސަލަތައް އިސްލާހުކޮށްދިނުމަށް އެދި 56 ގާނޫނީ ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ޕެޓީޝަން ބަލައި ނުގެންފައެވެ. އަދި ފަހުން ވަނީ އެ ޕެޓީޝަނުގައި ސޮއިކުރެއްވި 54 ގަނޫނީ ވަކީލަކު ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައެވެ. އަނެއް ދެ ވަކީލުން ކަމަށްވާ ޝަމީމު އާއި އަލީ ހުސައިން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ސަސްޕެންޑް ކޮށްފައެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅުނު ޕެޓީޝަނާއި ގުޅިގެން އެ ޕެޓީޝަނުގައި ސޮއި ނުކުރައްވާ މަޝްހޫރު ބައެއް ގާނޫނީ ވަކީލުންވެސް ގެންދަވަނީ އެ ގާނޫނީ ވަކީލުންގެ މަސައްކަތައް ތައުރީފް ކުރައްވާ އެކަމުގައި އެބޭފުޅުންގެ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވަމުންނެވެ. އެގޮތުން މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވެސް ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ.