އަޑަށް ކިތަންމެ ބާރުލައްވާފައި ވިދާޅިވި ނަމަވެސް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ ޕީޕީއެމްގެ ރައީސް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ ނައިބު ރައީސް ޢަބްދުއްރަހީމް އަބްދުﷲ ބަހުގެ ރައްދު ހަމަލާތަކެއް ދެއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގަ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޢަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން އަޑަށް ކިތަންމެ ބާރެއްލައްވާފައި ވިދާޅުވި ނަމަވެސް އެއީ ޕީޕީއެމްގެ ރައީސް ނޫން ކަމަށެވެ. އަދި އެކަމުގައި ދެއްކެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނު އެ ޕާޓީގެ ރައީސްކަމުގެ މަގާމުން ވަކި ނުކުރައްވާ ކަމަށާއި އެ ބޭފުޅުން ކުރެއްވި ކަމަކީ ޕާޓީން އެމަނިކުފާނު ވަކި ކުރެއްވުން ކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
" ޕީޕީއެމް އުސޫލަތަކާ ހިލާފަށް ބޭފުޅަކު ކަމެއް ކޮށްފިއްޔާ، އެ ބޭފުޅެއްގެ އަމަލުތައް ހުންނަ ގޮތުން ޕާޓީއަށާއި ޕާޓީ ވެރިކަންކުރާ ސަރުކާރަކަށް ގެއްލުންވާކަމަށްވާނަމަ އެ ބޭފުޅަކު ޕާޓީގެ މެމްބަރު ކަމުން ވަކި ކުރެވޭނެ ގޮތް އޮންނާނެ. އަޅުގަނޑުމެން ކުރި ކަމަކީ އެއީ. ޕާޓީގެ އާންމު މެމްބަރު ކަމުން އަޅުގަނޑުމެން ބޭފުޅަކު ވަކި ކުރީ. ވަކި ކުރީމަ މި ވާގޮތަކީ ޕާޓީގެ ރައީސްގެ މަގާމަށް ބޭފުޅަކަށް މި އާދެވެނީ ޕާޓީގެ މެމްބަރަކަށް ވެގެން. ދެން އެ ޕާޓީގެ މެމްބަރު ކަމުން ވަކި ކުރީމަ އެ މެމްބަރަކު ޕާޓީގެ މެމްބަރު ކަމަށްވާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ،"
ޢަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އެ ޕާޓީގެ ގޮތުގައި ހިނގަމުން ދަނީ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ކަމަށެވެ.
އަދި ޒަމާނެއްގައި ޕީޕީއެމްގެ ރައީސްކަން ކުރެއްވި ބޭފުޅަކު އަބަދު އެ ޕާޓީގެ ރައީސަށް ނުވާނެ ކަމަށް ވިދާޅުވެ ނުސީދާ ގޮތުން ޢަބްދުއްރަހީމް ވަނީ ރައީސް މައުމޫނަށް ބަހުގެ ހަމަލާ ދެއްވާފައެވެ.
" ޒަމާނެއްގައި އަޅުގަނޑު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރިއަސް މިއަދު އަޅުގަނޑަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަކަށް ނުވާނެ. ޒަމާނެއްގައި އަޅުގަނޑު އޮޑިއެއްގެ ކެޔޮޅުކަން ކުރިއަސް މިއަދު އަޅުގަނޑު މިއީ އެ އޮޑީގެ ކެޔޮޅަކަށްނުވާނެ. ޒަމާނެއްގައި ޕާޓީއެއްގެ ރައީސްކަން ކުރުމަކީ އޭނާގެ މުޅި އުމުރަށް އެ ޕާޓީގެ ރައީސަށް ވާނެ ސަބަބެއް ނޫން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރައީސް މައުމޫނުގެ އަމަލުތައް ހުރިގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައިވެސް ބަޔާނެއް ނުނެރުއްވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި އެހެންމެ ކުރިއަށްވުރެ މީހުން ހޭލުންތެރިވެއްޖެ ކަމަށާއި ޕީޕީއެމް އަކީވެސް މާ ބޮޑަށް އާންމުނަށް އިހްތިޔާރު ދީފައިވާ ޕާޓީއެއް ކަމަށް ޢބަދުއްރަހީމް ވިދާޅުވިއެވެ. އަދި ވަކި މީހަކަށް ރައީސްކަން އުމުރު ދުވަހަށް ދީ ގަރާރެއް ފާސްކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް މީހުނަށް ޑިމޮކްރަސީއަކީ އެމީހަކު ބޭނުންވާ ގޮތް ކަމަށް ވިދާޅުވެ، ޢަބްދުއްރަހީމް އެ ޕާޓީގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް ރައީސް މައުމޫނު ނިންމެވި ގޮތަށްވެސް އޭނާ ފާޑުވިދާޅުވިއެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމުން ވަކި ކުރެއްވީ ޕާޓީގެ އަސާސީ ގަވައިދަށް ބެލުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކަށް އެ ޕާޓީގެ އެކި ބޭފުޅުން ވަޑައިގެން ރައީސް ޔާމިންގެ ސަރުކާރުން ކޮށްދެއްވާފައިވާ ކަން ކަން ބުނެދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ކޮންމެ ރަށަކަށްގޮސް އެރަށެއްގައި ހިނގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި މަސައްކަތުގެ އަގު ފަދަ މައުލޫމާތުތައް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓީތަކުގެ މީހުނަށް ދެން ޕީޕީއެމް ފަހަތައް ނުޖެއްސޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.