ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 01:45
މެމްބަރު އަލީ ހުސައިން
މެމްބަރު އަލީ ހުސައިން
ޕީޕަލް މެގަޒިން
މެމްބަރު އަލީ ހުސައިން
ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް، މިލިޓަރީ ބޭނުންކޮށްގެން ވެރިކަން ކުރައްވަނީ!
އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 60 ރައްޔިތުން ވަނީ މިސަރުކާރަށް ނޫނެކޭ ބުނެފަ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީވެސް ވަނީ ސަރުކާރަށް ގެއްލިފަ
ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން މިވަނީ ސަސްޕެންޑް ކޮށްފަ

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތާއީދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނެތް ކަމަށާއި މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ މިލިޓަރީ ބޭނުން ކުރައްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީ ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރާއްޖެ މިފަދަ ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލް މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސާފު އަޣްލަބިއްޔަތާއެކު މަޖިލީހަށް ހުށަހެޅުމުން ކަމަށެވެ. އަދި މަޖިލީހުގައި އޮތް ރައީސް ޔާމީންގެ ސަރުކާރުގެ ސާފު މެޖޯރިޓީ ގެއްލުމުން މިލިޓަރީ ބޭނުންކުރައްވައިގެން މަޖިލިސް "ހައިޖެކް" ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ތެރޭގައި ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތްކަމަށްވެސް މަޖިލިސް މެމްބަރު އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މިލިޓަރީގެ އިސްވެރިންނާއި އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ދޭތެރެ ދޭތެރެއިން ވަދެވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމުން މިހާރު ކޯޓުތައް ވެސް އެވަނީ "ހިސޯރު" ކޮށްފަ ކަމަށެވެ.

"އެމެރިކާގެ ފިލޯސަފަރެއް ކަމަށްވާ ނޯމް ޗޯމްސްކީ ވިދާޅުވަނީ ދަތި ހާލުގައިވެސް އަނިޔާވެރި ވެރިކަމާ ދެކޮޅަށް، އިންސާފު ގާއިމު ކުރުމަށް ބަސްބުނަންޖެހޭނޭ. ބަސް ބުނެވޭނެ ގޮތް އެބަހުއްޓޭ. އިންސާފު ގާއިމު ކުރުމަށް ބަސް ބުނުމަކީ ހަމައެކަނި މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމެއް ވެސް ނޫނޭ. އަތުގައި އޮންނަ ފޯނުން ވެސް އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލިދާނެ. ދޭދޭ މީހުން ވާހަކަ ދެއްކުމުގެ ތެރޭގައިވެސް އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދައްކާ އަޑު އުފުލިދާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން 60 ޕަސެންޓުގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ކުރިން ސަރުކާރަށް އޮތް "ސުޕަރ" މެޖޯރިޓީ ގެއްލި، އިދިކޮޅު ސިޔާސީ ޕާޓީތަކަކަށް މަޖިލީހުގެ ސާފު މެޖޯރިޓީ ލިބުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް މި ސަރުކާރަށް ގެއްލިފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.  މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުން ހިމެނޭ ގޮތަށް 56 ގާނޫނީ ވަކީލަކު ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާއިން އިޖުރާއަތުތަކާއި ހިލާފަށް ކަންކަން ކުރަމުންދާތީ، އެކަންކަން ބަޔާންކޮށް އެކަންކަން ރަނގަޅު ކޮށްދެއްވުމަށް އެދުމުން އެ ގާނޫނީ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމަކީ ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ދޭހަކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮވާލި ގޮވާލުމަށް ދިވެހިރާއްޖޭގެ ގިނަ ވަކީލުން އަދި ތިޔަބޭފުޅުން ހީނުކުރައްވާ ކަހަލަ ފުންނާބު އުސް ވަކީލުން މިހާރު އެވަނީ ޕެޓިޝަނުގައި ސޮއި ކުރައްވާފަ،" އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި ސިޔާސީ ލީޑަރުން މިސަރުކާރުގެ އަނިޔާވެރިކަމުގައި ޖަލުގައި ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް، އަދި އިންސާފު ގާއިމު ކުރުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެހިތްވަރު އެބަހުރި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް