ޑީއާރުޕީގެ ޒައީމަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ކަމަށް އެ ޕާޓީގެ އަސާސީ ގަވައިދުގައި އޮތަސް ޕީޕީއެމްއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެ ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް ރުމާލު2 ޖަހައިގަ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ވަކި މީހަކަށް ޒައީމްކަން ދީފައި އޮންނަނީ ޑީއާރުޕީގައި ކަމަށެވެ. އަދި ޕީޕީއެމްގެ މަގާމުތައް ވެސް ބަދަލުވާނެ ކަމަށް ވިދާޅުވެ ބަހުގެ ހަމަލާ ދެއްވި އެވެ.
" ޑީއާރުޕީގެ އަސާސީ ގަވައިދުގައި އޮންނާނެ ޑީއާރުޕީގެ ޒައީމަށް ކިޔަނީ މައްޗަންގޮޅި ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމޭ، ޕީޕީއެމްގައި އެއްވެސް ބޭފުޅެއްގެ ނަމެއް ނޯންނާނެ. އެއީ އާންމު މެމްބަރުންގެ ޕާޓީއެއް. އެއަކު ނޯންނާނެ އެއްވެސް މީހެއްގެ ނަން ޖަހާފައި، އައިޑީކާޑު ނަމްބަރު ޖަހާފައި، ގޭގެ އެޑްރެސް ޖަހާފައި، ފޯނު ނަމްބަރު ޖަހާފައި، ފޮޓޯ ޖަހާފައިކާ، ބަދަލުވެސް ވާނެ. ތިޔަ ބޭފުޅުން ބޭނުންވީމަ ބަދަލުވާނީ. ތިޔަ ބޭފުޅުން ބަދަލުވާން ބޭނުންވީމަ އެ އޮތީ ބަދަލުވެފައި. ލީޑަރޝިޕް އާވެފައި. ކުރިއަށް ވުރެ އަވަސް ސްޕީޑެއްގައި ކަންކަން ދާނެ. މިއީ ޑީއާރުޕީއެއް ނޫން،" މުންދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްފެ މަގާމުގައި ޑރ. އަބްދުﷲ ހަލީލް ކިޔާ ބޭފުޅެއް ނުހުންނަވާނެ ކަމަށް ވިދާޅުވެ ރައީސް މައުމޫނު އެމްޑީޕީއަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން މުންދު ވިދާޅުވީ އެ ސިޓީ ކިޔުއްވާފައި އޭނާ "ކޮސްވި" ކަމަށެވެ. މުންދު ވިދާޅުވީ ޑރ. ހަލީލް އެ މަގާމަށް އައްޔަން ކުރެއްވީ އެ ޕާޓީގެ ކައުންސިލް 19 މެމްބަރުން ވޯޓު ދެއްވައިގެން ކަމަށާއި އޭގެ ތެރޭގައި ގައްސާން މައުމޫނުވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ އަބްދުﷲ އަބްދުއްރަހީމް ކިޔާ ބޭފުޅަކު ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ނުހުންނާނެ ކަމަށާއި އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު ކަމުގައި އަހްމަދު ނިހާން ހުސެއިން މަނިކު ކިޔާ ބޭފުޅަކު ނުހުންނާނެ ކަމަށްބުނެ ސިޓީއެއް ވެސް ނިކުމެދާނެ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ މުންދު ވިދާޅުވީ ރައީސް މައުމޫނު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވިއިރު ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ވެސް އޮންނާނީ "ޖަޕާނަށް ސީޒަން އަންނަ ހެން" އަހަރަކު ދެތިން ބައްދަލުވުން ކަމަށާއި ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެ ކަމަށެވެ.
" މި 16 އޮކްޓޯބަރަކީ ރައީސް އަޅުގަނޑުމެންގެ މުޝްތަސާރު ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރުވާ ދުވަސް. މި އެއް އަހަރު ދުވަހުގެ ތެރޭގައި މި ޕާޓީގެ މުޅި ތާރީހުގައި ބޭއްވުނު އަދަދަށް ވުރެ، އެނގިގެން މި ދަންނަވަނީ މިހާރުވެސް ބޭއްވުނު ކައުންސިލް ބައްދަލުވުންތައް ގިނަ ވާނެ ކުރެވުނު ކަންތައްވެސް ގިނަ ވާނެ،" މުންދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. ހަލީލް ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވައި، މުންދު ވިދާޅުވީ މިހާރު އޭނާ އެހާ އުފަލުގައި ޕީޕީއެމްގެ އޮފީހުގައި މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އޭހާ ހިތްހަމަ ޖެހިވަޑައިގެން ޕީޕީއެމްގެ އޮފީހުގައި މަސައްކަތް ކުރައްވަން މީގެ ކުރިން ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.