މުޖުތަމައުގެ މަސްލަހަތު ހިމެނޭ ބޮޑެތި ޝަރީއަތްތައް ލައިވް ކުރުމުގެ ހުއްދައަށް ރާއްޖެޓީވީން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ ސޮއިކުރައްވައި ކްރިމިނަލް ކޯޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓުތަކުގައި ހިންގަމުންދާ ޝަރީއަތްތަކުގެ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާލެވިގެން ފާޅުކަން ބޮޑު ގޮތެއްގައި ހިންގޭ އަޑުއެހުންތަކަށްވާންޖެހޭއިރު، މުޖުތަމައުގެ މަސްލަހަތު ހިމެނޭ ބޮޑެތި ޝަރީއަތްތައް ލައިވް ކުރުމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
އިންސާފު ގާއިމްކުރުމަކީ ޝަރުއީ ދާއިރާގެ މަސްއޫލިއްޔަތަށްވާއިރު، އިންސާފު ގާއިމްވާ މަންޒަރު އެންމެހާ ރައްޔިތުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ރާއްޖެޓީވީގެ ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައި ބުނެފައިވަނީ ހަމައެކަނި އިންސާފު ގާއިމްކުރަންވީއެއް ނޫން ކަމަށާއި އިންސާފު ގާއިމްކުރެވޭ މަންޒަރު ވެސް ފެންނަންވީ ކަމަށެވެ. އަދި އިންސާފު ގާއިމްކުރެވޭ މަންޒަރު އެންމެހާ ރައްޔިތުންނަށް ފެންނަނަމަ ޝަރުއީ ދާއިރާއަށް ކުރެވެމުންދާ ތުހުމަތުތައް ހުއްޓި، ރައްޔިތުންނަށް ހަގީގަތް ހާމަވެގެންދާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
މީގެ ކުރިން ވެސް މުޖުތަމައުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ދިވެހިރާއްޖޭގައި ލައިވް ކޮށްގެން ކުރިއަށް ގެންގޮސްފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކުގެ މައްޗަށް ހިންގި ޝަރީއަތް ލައިވް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެއިރަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިން، ފެހި ގާނޫނު އަސާސީ ތަސްދީގުކޮށް އަމަލުކުރެވެމުންދިޔަ ދުވަސްވަރެއް ވެސް ނޫންކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީ 2008 ވަނަ އަހަރު ތަސްދީގު ކުރެވި، މުއްތަހަމުގެ ހައްގުތަކާއި އާންމުކޮށް މުޅި މުޖުތަމައުގެ ހައްގުތައް ބަޔާން ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ފެށުމުގެ ގޮތުން ރާއްޖެޓީވީން އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ރާއްޖެޓީވީން ލައިވްކޮށް ގެނެސްދެވޭނެ ހުއްދަ ދެއްވައި، އެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވުމަށެވެ.