ސަރުކާރު ހިންގާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ އަބްދުﷲ ހަލީލް ކިޔާ ބޭފުޅަކު އައްޔަން ކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ ނަމުގައި ޑރ އަބްދުﷲ ހަލީލް ސޮއި ކުރައްވައި އިދިކޮޅު އެމްޑީޕީ އަށް ފޮނުވި ސިޓީއާ ގުޅިގެން ޑރ ހަލީލް އަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްތޯ ސާފް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރައީސް މައުމޫން އަށް ފޮނުއްވި ސިޓީއަށް ޖަވާބް ދެއްވަމުން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ ނަމުގައި ޑރ އަބްދުﷲ ހަލީލް ކިޔާ ބޭފުޅަކު އެމްޑީޕީ އަށް ސިޓީ ފޮނުވީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށެވެ.
ޕީޕީއެމްގެ ރައީސްގެ ނަމުގައި ސޮއި ކުރައްވާ ހަސަން ލަތީފް އަށް ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދު ތަންދޭ ގޮތުގެ މަތިން ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބް ކޮށްފައިވާ ޕީޕީއެމްގެ ކައުންސިލުން ޑރ އަބްދުﷲ ހަލީލް ކިޔާ ބޭފުޅަކު އައްޔަން ކޮށްފައި ނުވާނެ ކަމަށް އެމްޑީޕީގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަކީ ޑރ ހަލީލްތޯ ސާފް ކުރުމަށް އެމްޑީޕީގެ ފަރާތުން ރައީސް މައުމޫން އަށް ސިޓީ އެއް ފޮނުވީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން 54 ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރުނު ނޫސްބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުން ކޮށްފައި ވާތީ ނަން އުނި ކުރުމަށް އެދި ޑރ ހަލީލް އެމްޑީޕީ އަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.
ޕީޕީއެމް އިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ ހަލީލް ވިދާޅުވީ ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުން ކޮށްފައި ވަނީ އެ ޕާޓީގެ ހުއްދަ ނެތި ކަމަށާއި އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އަންގާރަ ދުވަހުގެ މެންދުރު ފަހު 3:00 ކުރިން އެ ބަޔާނުން ޕީޕީއެމްގެ ނަން އުނި ނުކޮށްފިނަމަ ކަމާ ބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޑރ ހަލީލް ވިދާޅުވިއެވެ.
ޕީޕީއެމް އިން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބެލެވޭ ގޮތުގައި އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުން ކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކާއެކު ރައީސް މައުމޫން ހަރަކާތްތެރިވަމުން ދާތީ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަން ކުރެއްވީ މާ ކުރިން ކަމަށާއި އެމަނިކުފާން މިހާރު ޕީޕީއެމްގެ ރައީސްގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން އަކީ މިހާރު ޕީޕީއެމްގެ މެމްބަރެއް ވެސް ނޫން ކަމަށާއި އެެހެން ކަމުން ޕީޕީއެމްގެ ނަން ބޭނުން ކުރުމުގެ އެއްވެސް ހައިސީއްޔަތެއް ރައީސް މައުމޫން އަށް ލިބިވަޑައިގެންފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.