މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާ ކުރާ މައްސަލައިގައި ހުކުމް އިއްވުމަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއަވަމުން ސިވިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މައްސަލައިގައި ބުރާސްފަތި ދުވަހު 11:39 އަށް ތާވަލް ކުރި އަޑުއެހުމަކީ ހުކުމް އިއްވުމަށް ތާވަލް ކުރި އަޑުއެހުމެއް ކަމަށާއި ނަމަވެސް އަޑުއެހުން ކެންސަލް ކުރީ ހުކުމް ތައްޔާރު ނުވާތީ ކަމަށެވެ. ނަމަވެސް ދެ މައްސަލަ ތާވަލް ކުރާނެ ވަކި ދުވަހެއް ކޯޓުގެ އޮފިޝަލް ވިދާޅެއް ނުވެއެވެ.
އެމްއެމްޕީއާރުސީން އެސްއޯއެފްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ފެށި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވިއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް ބަދަލުކޮށް ނިމިފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރު ކޮށްލާފައެވެ.
އޭރު އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހެޅި އެމްއެމްޕީއާރުސީ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރު ނުވި ކަމަށް ބުނެއެވެ. ނަމަވެސް އެމްއެމްޕީއާރުސީން ވެސް އެފަހަރު ބުނެފައި ވަނީ އެ ފަރާތުން ޝަރީޢަތަށް ހާޒިރު ނުވީ މައްސަލައިގެ ޗިޓް ލިބިފައި ނުވާތީ ކަމަށެވެ.
އެމްއެމްޕީއާރުސީން ދައުވާ ކޮށްފައި ވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.
އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ އަދި ހިބަޅިދޫ މައްސަލައާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނު ކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށްލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާ ކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަންރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.