ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:37
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ރައީސް އޮފީސް
މުހުތާޒް މުހުސިން
ދައުލަތާ ދެކޮޅަށް މުހުތާޒް ދެ ދައުވާއެއް ކުރައްވައިފި
ގާނޫނުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ނުދީ ފިޔަވަޅު އަޅާތީ
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ލާޒިމްކުރޭ
ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި 17 އަހަރަށް ޖަލަށްލާފައި

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ދައުލަތާ ދެކޮޅަށް ދެ ދައުވާއެއް ކުރައްވައިފި އެވެ.

މުހުތާޒް ދައުވާކުރެއްވި ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ތަބީއަތުގެ މި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވި އެވެ.

އެ މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ޝަރީއަތަށް މައްސަލަ ނުފޮނުވައި ދެ ފަރާތުން މަޝްވަރާކޮށް ދައުވާގައިވާ ކަންކަން ހައްލުކުރާ މަރުހަލާއެކެވެ. ޝަރީއަތަށް މައްސަލަ ފޮނުވާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ނުލިބިއްޖެނަމަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި ދައުލަތާ ދެކޮޅަށް މުހުތާޒް ދައުވާ ކުރައްވާފައިވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހިއްސާކުރަންޖެހޭ ޖަލު ކުށްތަކާއި އެ ކުށްތަކުގެ އަދަބުތައް ހިއްސާކުރުމެއް ނެތި ފިޔަވަޅު އަޅަމުންދާ މައްސަލައިގަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ގައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނެ ކަމަށެވެ.

މުހުތާޒް ދައުވާ ކުރެއްވީ ގާނޫނުގެ ދަށުން ދޭން ލާޒިމްކުރާ ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީ ދީފައިނުވާ މައްސަލައިގަ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި 17 އަހަރަށް ޖަލަށްލާފައިވާ މުހުތާޒް ދެވަނަ އަށް ކުރެއްވި ދައުވާއަކީ އެ ކޮޕީ ދިނުމެއް ނެތި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކާއި ގުޅޭ މައްސަލަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހުތާޒަށް ފިޔަވަޅު އެޅީ ޖަލުގައި ހިނގި ކަމަކާ ގުޅިގެން އަޑުބާރުކޮށް ޖަލު އޮފިސަރަކާ ވާހަކަ ދެއްކެވި ކަމަށް ބުނެ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ. އެ ފިޔަވަޅުގެ ދަށުން އެއް މަސް ދުވަހަށް މުހުތާޒްގެ އަސާސީ ހައްގުތައް ކަމަށްވާ އާއިލީ ފޯން ކޯލާއި، އާއިލީ ބައްދަލުވުންތަކާއި، އެކަހެރި ބައްދަލުވުންތައް ދިނުން ހުއްޓާލި އެވެ.

މިފަދަ ފިޔަވަޅުތައް ގައިދީންގެ ރެކޯޑުގައި ހިމަނާއިރު، ކްލެމެންސީ ބޯޑުން ޕެރޯލްގެ ދަށުން ގައިދީން ދޫކޮށްލާއިރު ރެކޯޑަށް ރިއާޔަތް ކުރެ އެވެ. މުހުތާޒަށް އެޅި ފިޔަވަޅު އިސްތިއުނާފް ވެސް ކުރެއްވި އެވެ.

މާފުށީ ޖަލުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް އިއްވި ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވަނިކޮށް، ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ދިނުމަށް ނެތި ފިޔަވަޅު އެޅި އެވެ. އެހެން ނަމަވެސް އިސްތިއުނާފް ކުރުމުން އެ މައުލޫމާތުތައް ހިއްސާކޮށްފައިނުވާތީ އެޅި ފިޔަވަޅުތައް ބާތިލްކުރި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގިނަ އަދަދެއްގެ ގައިދީންނާމެދު ކަރެކްޝަނުން އަމަލުކުރަމުންދަނީ މިފަދައިންނެވެ. ކުށްތަކާއި އަދަބުތައް ކިޔައި ދިނުމެއް ނެތި، އެއް މަހާއި ދެ މަހާއި އަދި އެއް އަހަރަށް ވެސް ދިގުދެމިގެންދާ ގޮތަށް ފިޔަވަޅުތައް އަޅަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް