ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:54
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްޓާޒާ މާރިޔާ އަޙުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްޓާޒާ މާރިޔާ އަޙުމަދު ދީދީ
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓުގެ ނިންމުން އޮތީ 'ނުވަތަ ކިޔާ' އުޞޫލުން: މާރިޔާ
ސުޕްރީމް ކޯޓުގެ ޙުކުމް އޮތީ އެމީހަކު ބޭނުން ގޮތަކަށް މާނަކުރެވޭ ގޮތަށް
މައްސަލަތަކުގެ ވާހަކަ ބުނުމުން ސަސްޕެންޑް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން
މާރިއާވެސް ވަނީ ޕެޓިޝަންގައި ސޮއިކުރެއްވުމުން ސަސްޕެނޑް ކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރުމުން، އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ނިންމުން އޮތީ ކުރީ ޒަމާނުގައި ރާއްޖޭގެ އަތޮޅެއްގައި އަންހެނަކު ބަލިވެއިނުމުން ނުވަތަ ކިޔާ އުޞޫލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާރިއާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމް އޮތީ އެމީހަކު ބޭނުން ގޮތަކަށް މާނަކުރެވޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚުގައި ރާއްޖޭގެ އަތޮޅެއްގައި އަންހެނަކު ބަލިވެއިނުމުން، އޮންނަ އާދައެއް ކަމަށްވާ 'ނުވަތަ ކިޔުމާ' ސުޕްރީމް ކޯޓުގެ ނިންމުމާ ތަފާތެއް ނެތްކަމަށެވެ.

"އިވިގެން މި ދިޔަ ޙުކުމް، އަޅުގަނޑުމެން ދަންނަ ވާހަކައެއް، ރާއްޖޭގެ އަތޮޅެއްގަ އަންހެނަކު ބަލިވެ އިނދެއްޖެއްޔާ، ނުވަތަ ކިޔުން ކިޔާ ކަމަކަށް ދާނެ ބޮނޑިބަތް ކައްކައިގެން، ދިޔައިމަ ފޫލުމައި މީހާ ބަނޑުގަ އަތްލާފަ ބުނާނެ އަންހެން ނުވަތަ ފިރިހެން. ބުނީމަ ދެން އެންމެން ބޮނޑިބަތް ކައިގެން އަންނަނީ. އެކަހަލަ ޙުކުމެއް ޏޫންތޯ މީ. ބަލިވެއިނީމަ ދެން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ އަންހެން ނުވަތަ ފިރިހެން. މެންބަރެއް ނުވަތަ މެންބަރެއް ނޫން. އެކަހަލަ ވައްތަރަކަށް، ނުވަތަ ކިޔުމަށް މި ދިޔައީ. އެއްގޮތަކަށްވެސް ޙުކުމަކަށް އެ ބެލޭކަށް ނެތް" މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ މާރިއާ ވިދާޅުވީ، ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ބުނުމުން ސަސްޕެންޑް ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާ، ސަސްޕެންޑް ކުރިއަސް ގޯސްކޮށް ހުރި ކަމެއް ރަނގަޅުވީ ކަމަށް ނުވާނެ ކަމަށެވެ.

މާރިއާ އަކީވެސް ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން މަސައްކަތްކުރެއްވި ޕެޓިޝަންގައި ސޮއިކުރެއްވުމުގެ ސަބަބުން ސަސްޕެންޑް ކުރެވުނު ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް