ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 18:41
ރާއްޖެ ޓީވީން ހިންގި ޓެލެތޯންގައި ބެހެއްޓި ފޮއްޓަށް ކުޑަކުއްޖަކު އެހީވަނީ
ރާއްޖެ ޓީވީން ހިންގި ޓެލެތޯންގައި ބެހެއްޓި ފޮއްޓަށް ކުޑަކުއްޖަކު އެހީވަނީ
މުހައްމަދު ޝަރުހާން
ރޮހިންޖާ މުސްލިމުން
ރާއްޖެ ޓީވީގެ ކާމިޔާބު ޓެލެތޯނަށް ފަހު ސަރުކާރުން ވެސް ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އެކައުންޓްތަކެއް
ސަރުކާރުން އިސް ނަގައިގެން މި މަހުގެ 21ން 23  އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައި

ދިވެހި ރައްޔިތުންގެ ނަމުގައި ރާއްޖެ ޓީވީން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކާމިޔާބު ޓެލެތޯނެއް ހިންގާފައި ވަނިކޮށް ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ވެސް ހިންގާ ހަރަކާތްތަކެއްގެ ތެރެއިން ހާއްސަ އެކައުންޓުތަކެއް ހުޅުވައި، ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ހަރަކާތް ކުރިއަށް ގެންދާ ހާއްސަ ކޮމެޓީގެ އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވެފައިވަނީ ރޮހިންޖާ މީހުންނަށް އެހީވުމަށް އެކައުންޓު ހުޅުވާފައި ވަނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރުފިޔާ އާއި ޑޮލަރު ޖަމާކުރެވޭ އެކައުންޓުތަކެއް ކަމަށެވެ.

 

ބީއެމްއެލްގައި ހުޅުވި އެކައުންޓު

7730000160816 (MVR)

7730000160818 (USD)

އެމްއައިބީގައި ހުޅުވި އެކައުންޓް

MVR) 901 01 48001218 1001)

USD) 901 01 48001218 2001)

 

އެއޮފިޝަލް ވިދާޅުވެފައި ވަނީ ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އެހީވާން ބޭނުންވާ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނަށް އެކައުންޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ލިބުނީ ކިހާ ފައިސާއެއް ކަމެއް އެ ކޮމެޓީން އަދި ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން މޮބައިލް ފޯނު މެދުވެރިކޮށް ވެސް ފައިސާ ޖަމާ ކުރެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަދި ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އިސް ނަގައިގެން މި މަހުގެ 21ން 23  އަށް މީޑިއާތައް ގުޅިގެން ޓެލެތޯންއެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ދެފުށް ފެންނަ ގޮތަކަށް ޓެލެތޯން ކުރިއަށް ގެންގޮސް އެއްކުރެވޭ ފައިސާ އަމާނާތްތެރިކަމާ އެކު ރޮހިންޖާގެ މުސްލިމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެ ޓީވީން އިސްނަގައިގެން "ދިވެހި ރައްޔިތުން ރޮހިންޖާ މުސްލިމުންނާއެކު" މި ނަމުގައި އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވަނީ ޓެލެތޯނެއް ހިންގާފައެވެ. ޢާންމުރައްޔިތުންނާއި ރަށްރަށުގެ ކައުންސިލްތަކާއި ވިޔަފާރި ކުންފުނިތަކުގެ ދީލަތި އެހީއާއެކު އެޓެލެތޯންގައި ހުޅުވި ފަންޑަށް ލިބުނު ފައިސާ 4 މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި ރަށްރަށުގައި ބެހެއްޓި ފޮށިތަކަށް ލިބުނު ފައިސާއާއެކު ޖުމްލަ 5 މިލިއަނަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ. މިފައިސާގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެ ޓީވީން ހަވާލުކޮށްަފއިވަނީ މިނިވަން އޮޑިޓް ފާމަކާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް