މިދުވަސްވަރު، ހައްޖާޖީން އެނބުރި ރާއްޖެ އައިސްފައިވުމުން އެކި ކަންކޮޅުތަކުގައި އަރިދަފުސް ރޯގާ އަދި ވައިރަލްހުން ފެތުރެމުންދާކަން ފާހަގަ ކުރެވިފައި ވާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، ރޯގާ ޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުމަށް އިލްތިމާސް ކޮށްފައިވެއެވެ..
ރޯގާ ޖެހިފައިވާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭ އިން އެދެއެވެ. އަދި ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން ސައިބޯނި ލައިގެން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކޮށް އަރާމު ކުރުމަށާއި ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުން ކުރުމަށް އެޗްޕީއޭ އިން އެދެއެވެ.
ހުންގަދަނަމަ ގައިގައި ފެން ހޭކުމަށާއި ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ އާ އިރުޝާދު ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.