ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން އާންމު ކުރި ލިސްޓާ ގުޅިގެން އޭސީސީއަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ނަން އިއުލާނު ކުރުމުން ގިނަ ބަޔަކު ވަނީ ޝަކުވާ ހުށަހަޅާފަ އެެވެ. މިކަމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނީ ވަރަށް ގިނަ މީހުންގެ ޝަކުވާތަކެއް އޭސީސީއަށް ހުށަހެޅިފައިވާ ކަަމަށެވެ.
"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ސުން ގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ކަމަށް ވެސް ހައުސިންގ މިނިސްޓްެރީން ބުނެއެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އެއިއުލާންގައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގަ ކަމަށް ހާމަކޮށްފަ އެެވެ
ހައުސިންގ މިނިސްޓްރީ އާއްމު ކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭނގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށައެޅި ފޯމް ނަމްބަރުތަކެވެ. މި ލިސްޓު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.