ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 15:12
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ އިސްތިއުނާފް
ފާރިސްގެ ބަންދުގެ މައްސަލަ ބަައްލަވާ ބެންޗް ބަދަލުކޮށް ހޯމަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި
މައްސަލައިގެ އަޑުއެހުންތައް ނިންމާލީ އޯގަސްޓް 9 ގައި
އިސް ފަނޑިޔާރުގެ ސެކްޝަނަށް މައްސަލަ ބަދަލުކޮށްފަ
ފާރިސް ހައްޔަރުކޮށްފައިވަނީ ޖުލައި 18 ގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ނެރުނު އަމުރާއި، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށް، ހޯމަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލަ ކުރިން އޮތީ ހައިކޯޓުގެ ބީ8 ސެކްޝަންގައެވެ. އެހެން ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން މައްސަލަ ތާވަލުކުރި އިރު މައްސަލަ އޮތީ ބީ6 ސެކްޝަންގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ ސެކްޝަނެވެ.

މައްސަލަ ބައްލަވާ ބެންޗް ބަދަލުކޮށްފައިވާއިރު، ބެލެވޭ ގޮތުގައި ހޯމަ ދުވަހު ބާއްވާ އަޑުއެހުމަކީ އިޖުރާއަތު ފުރިހަމަ ކުރުމުގެ ގޮތުން ބާއްވާ އަޑުއެހުމެކެވެ. މީގެ ކުރިން ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ނުބެލެވެއެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައިވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެށް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހުއެވެ.

އޭގެ ފަހުން އެ މައްސަލަ ނިންމުމަށް އޯގަސްޓް 20 ވަނަ ދުވަހަށް ޝަރީއަތް ތާވަލުކުރިއެވެ. އެހެން ނަމަވެސް، ވަކި ސަބަބެއް ހާމަކުރުމެއް ނެތި އެ ދުވަހުގެ އަޑުއެހުން ކޯޓުން ކެންސަލް ކުރިއެވެ.

ހައިކޯޓުން ފާރިސްގެ ބަންދާ މެދު ގޮތެއް ނުނިންމައި މައްސަލަ ދިގުދަންމަމުންދާތީ ވަކީލުންނާއި، ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފާރިސް ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި ފާރިސްގެ މައްޗަށް ވަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ ކޮށްފައެވެ.  ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ދައުވާ ކޮށްފައިވާއިރު އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:02
ކަނައްކަފޫޅު
ކުށް މިހާރުވެސް އޮތީ ސާބިތުވެފާ!!!!ހކުމްވެސް އޮތީ ލިހެފާ ދެތިންދުވަހު ޝަރީއަތެއް ކުރުމުގެ ދަޅަ ދަޢްކާލުމަށްފަހު ހުކުމް ގަނޑު ޖެހީމާ އެއޮތީ ނިމިފާއެކަމަކު އަހަރެން ފަހަރެްގާވެސް ޝަރީއަތަށް އަތް ނުބާނާނަން!!!!! ހީހީ ހަލާކު