ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 09:39
ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު - އޭނާ ވަނީ ކަންކަން އުސްލާހުކުރުމަށް ފަނޑިޔާރުންނަށް ނަސޭހަތްތެރިވެފަ
ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު - އޭނާ ވަނީ ކަންކަން އުސްލާހުކުރުމަށް ފަނޑިޔާރުންނަށް ނަސޭހަތްތެރިވެފަ
މުހައްމަދު ޝަރުހާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުއޫދުގެ ނަސޭހަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް: ވަގުތު ފާއިތުވުމުގެ ކުރިން ކަންކަން އިސްލާހުކުރައްވާ ތިޔަ ބޭފުޅުންވެސް ސަސްޕެންޑްކޮށްފާނެ!
އަދުލު އިންސާފު ނުލިބޭކަން ރޭކާލަނީ ވަގުތު ފާއިތުވެ، އެ މީހަކަށް އިންސާފު ނުލިބޭ ހިސާބުން
މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ އަދަލު އިންސާފުގެ ނިޒާމްގައި މައްސަލަތަކެއްހުރިކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގަބޫލުކުރައްވަންޖެހޭ
ވަކީލުން މަސައްކަތް ކުރައްވަނީ ވަކި ފިކުރެއްގައި، ނަމަވެސް އެއީ ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ފިކުރު

އަދުލު އިންސާފު ނެތްކަން ރޭކާލަނީ، ތިމާއަށް އަދުލު އިންސާފު ނުލިބޭ ހިސާބުންކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށްވެސް އެ ހާލަތު މެދުވެރިވެ، ސަސްޕެންޑްކޮށް، ގެޔަށް ފޮނުވާލުމުގެ ކުރިން ކަންކަން އިސްލާހުކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ނަސޭހަތްތެރިވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ޖުޑީޝަރީގައި ހުރި މައްސަލަތައް ފާހަގަކޮށް ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ، އަދުލު އިންސާފު ނުލިބޭކަމާއި، އެ ނިޒާމްގައި މައްސަލަތަކެއްހުރިކަން ގިނަ ބޭފުޅުންނަށް ރޭކާލަނީ ވަގުތު ފާއިތުވެ، އެ މީހަކަށް އިންސާފު ނުލިބޭ ހިސާބުން ކަމަށެވެ. އެގޮތުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށްވެސް ވެގެންދިޔައީ އެފަދަ ގޮތެއްކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ނުވަތަ އަބްދުﷲ ގާޒީއަށާއި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފަށްވެސް ވެގެންދިޔައީ އެފަދަގޮތެއްކަން ސުއޫދު ފާހަގަކުރެއްވި އެވެ.

 

"އެހެން ބޭފުޅުންވެސް ބައްލަވާ ނުލާހިކު އާރާއިބާރުގެ ތިއްބަވާފައި މަގާމުތައް ގެއްލިގެންދިޔާއިމަ. ކްރިމިނަލް ކޯޓުގައި ހުންނެވި އަބްދުﷲ ގާޒީ، އާއިލާބެހޭ ކޯޓަށް ބަދަލުކުރެއްވީ އެއްވެސް އެއްޗެއް އަހާލުމެއް ނެތި. އެ ބޭފުޅާއަށް އެ ހިސާބުން އިހުސާސް ވަނީ، އާނ ތިމަންނަ އަށްވެސް އިންސާފު ލިބެންޖެހެއޭ، ޑިއު ޕްރޮސެސް ލިބްޖެހެއޭ. އަބްދުލްބާރީ ކްރިމިނަލް ކޯޓުން ހަމަ އެއްރޭ ބަދަލުކޮށްލީ. އެ ހިސާބުން އޭނައަށް ރިޔަލައިޒްވަނީ އާނ ތިމަންނައަށްވެސް އިންސާފު ލިބެޖެހެއޭ." ސުއޫދު ވިދާޅުވި އެވެ.

 

ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދަށްވެސް އެފަދަ ދުވަހެއް އަތުވެދާނެކަން ގަބޫލުކުރައްވަންޖެހޭ ކަމަށެވެ. އެގޮތުން އެއް ދުވަހަކު އެ ދެބޭފުޅުންވެސް ޖޭއެސްސީން ސަސްޕެންޑްކޮށްފާނެކަމަށާއި، އެ ދުވަހަކުން އިންސާފު ނުލިބޭކަން އެބޭފުޅުންނަށް ރޭކާލާނެކަމަށެވެ. އޭގެ ކުރިން ކަންކަން އިސްލާހުކުރަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ.

 

"ބައްލަވާ ސުޕްރީމްކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒް ހުސެއިންވެސް އެއް ދުވަހަކު ގެޔަށް ފޮނުވާލެއްވީ. އެ ދުވަހު އޭނާއަށްވެސް ވިދާޅުވެވުނީ ބިން ގުޑައިގެންނޭ މި ދިޔައީ، ޑިމޮކްރަސީ ގުޑައިގެންނޭދިޔައީމި. އޭގެކުރިން ކޮބާ، ހުކުމްތަކާއި އެއްޗެއްހި ކުރާނެ ގޮތަކަށް ކުރަމުންގެންދިޔައީ." ސުއޫދު ވިދާޅުވި އެވެ.

 

ސައޫދު ވިދާޅުވީ މައްސަލަތައް ހައްލުކުރަން ބޭނުން ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސް ނަންގަވަންޖެހޭކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންވެސް އަދުލު އިންސާފުގެ ނިޒާމްގައި މައްސަލަތަކެއް ހުރިކަން ފުރަތަމަކަމަކަށް ގަބޫލުކުރަންޖެހޭކަމަށާއި، އެހެން ނޫންކަމުގައިވާނަމަ މައްސަލައަށް އެއްވެސް ހައްލެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ތޮށިގަނޑު ފަޅާލުމަށްފަހު ނިކުމެ، އާންމު ރައްޔިތުންގެ އަދަލު އިންސާފުގެ ނިޒާމަށް އިތުބާރުނުކުރާ މިންވަރުދަނެގަންނަންޖެހޭކަމަށް ސުއޫދު ވިދާޅުވި އެވެ.

 

"އެބޭފުޅުން އަމިއްލައަށް، އަދުލު އިންސާފުދެވޭކަމަށް ގަބޫލުކުރިނަމަވެސް ނުފުދޭ. ދިވެހި ރައްޔިތުން އެގޮތަށް ގަބޫލުނުކުރާކަމަށްވަންޏާ. އެހެންވީމައި މިހާރު ސުޕްރީމް ކޯޓުން ބައްލަވަންވީ އެ ބޭފުޅު އެ ހައްދަވަނީ ރަނގަޅަށްތޯ އެ ބެފުޅުންނަށް ގަބޫލުކުރެވޭތޯ. އެކަން އެ ބެފުޅުންނަށް ޔަޤީންވާކަމަށްވަންޏާ އެ ބެފުޅުންނާއި ދޭތެރޭ (ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއިދޭތެރޭ) ދިވެހި ރައްޔިތުންދެކެނީ ކިހިނެއްތޯ އިހުސާސްކޮށްލައްވާ އެ މީހުން (ސުޕްރީމް ކޯޓުގެ ފަނޑިޔާރުން) ގެ ނަޒަރާއި ވިސްނުން އެ މީހުންނާއި (ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި) ދޭތެރޭ ހުރި ގޮތް އެބަ ވިސްނާލައްވަންޖެހޭ." ސުއޫދު ވިދާޅުވި އެވެ.

 

ސުއޫދު ވަނީ، ޖުޑީޝަރީ އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވި ވަކީލުން މަސައްކަތްކުރައްވަނީ ވަކި ފިކުރެއްގައިކަމަށް ބުނާ ވާހަކައަށްވެސް ރައްދުދެއްވާފަ އެވެ. ސުއޫދު ވިދާޅުވީ، ޤާނޫނީ ވަކީލުން މަސައްކަތްކުރައްވަނީ ވަކި ފިކުރެއްގައި ކަމަށެވެ. އަދި އެ ފިކުރަކީ އިންސާނީ ހައްޤުތައް ކުރިއަރުވާ ފިކުރުކަމަށެވެ. ނަމަވެސް ވަކި ސިޔާސީ ފިކުރަކަށް ވަކީލުން މަސައްކަތް ނުކުރައްވާކަމަށާއި، އެކަން ސާބިތުވެސް ކޮށް ނުދެވޭނެކަމަށް ސުއޫދު ވިދާޅުވި އެވެ. އެގޮތުން މިސާލުޖައްސަވަމުން ސުއޫދު ވިދާޅުވީ، އޭނާވެސް އެކި ސިޔާސީ ފިކުރުގެ މީހުގެ ފަރާތުން ވަކާލާތުކޮށްދީފައިވާނެކަމަށެވެ.

 

Your browser doesn't support video.
Please download the file: video/mp4

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް