ނ ޅޮއްސަށް ފެނަކައިން ދެމުން ގެންދާ ކަރަންޓުގެ ހިދުމަތް ލިބުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި މައްސަލަ ހައްލު ނުވުމުން އެ ރަށު ރައްޔިތުން އިހުތިޖާޖަށް ނިކުތުމަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނ ޅޮހީ ކައުންސިލްގެ ރައީސް އަބްދުﷲ ސާލިމް ވިދާޅުވީ އިންޖީނުތަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑި ހިދުމަތް ލިބުމުގައި މައްސަލަތައް ދިމާވާން ފެށީ އީދުގެ ފަހުން ކަމަށެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އެއްގޮތަކަށް ވެސް ރަށުގައި ކަރަންޓު ނެތް ކަމަށާއި އަދި ފެނަކަށް އަށް ކަރަންޓް ފޯރުކޮށްދެވުނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ ކަރަންޓް ލިބުނު ނަމަވެސް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުލިބޭ ކަމަށެވެ. އެގޮތުން ކަރަންޓް ލިބުނު ނަމަވެސް އެ ކަރަންޓުން ގެތަކުގައި ހުރި ބޮކިތައް ދިއްލުން ފިޔަވައި އެހެން ބޭނުމެއް ނުކުރެވޭ ކަމަށެވެ. ފަންކާ ޖެއްސުނު ނަމަވެސް އެކަށީގެންވާ ގޮތުގައި ފަންކާ ނޭނބުރޭ ކަމަށާއި ފެން މޯޓަރު ޖެއްސުނު ނަމަވެސް ފެން ނައަންނަ ކަމަށެވެ. އަދި އާންމު ގޮތެއްގައި ބަދިގޭގައި ބޭނުން ކުރާ އަވަން ފަދަ ތަކެތި ބޭނުން ނުކުރެވޭ ކަމަށް ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވީ މައްސަލަ ދިމާވުމުގެ ކުރިން ރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން ދިޔައީ ފަސް އިންޖީނުން ކަމަށާއި ނަމަވެސް މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން ދަނީ އެންމެ އިންޖީނެއް މެދުވެރިކޮށް ކަމަށެވެ.
ސާލިމް ވިދާޅުވި ގޮތުގައި އެ ރަށަށް ފެނަކައިން ކަރަންޓުގެ ފޯރުކޮށް ދެމުން ދިޔައީ 80 ކިލޯވޮޓުގެ ތިން ޖަނަރޭޓަރުންނާއި 112 ކިލޯ ވޮޓުގެ ޖަނަރޭޓަރެއްގެ އިތުރުން ފަހުން 160 ކިލޯ ވޮޓުގެ ޖަނަރޭޓަރަކުންނެވެ. އަދި މިހާރު ކަރަންޓު ފޯރު ކޮށްދެނީ 160 ކިލޯ ވޮޓުގެ ކަނަރޭތަރުން އެކަނި ކަމަށް ސާލިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުންދާ ޖަނަރޭޓަކީ އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވުމުން ޅ އަތޮޅުން ގެނައި ބާ ޖަނަރޭޓަރެއް ކަމަށެވެ. އަދި ބާކީ ހުރި ހުރިހައި ޖަނަރޭޓަރުތަކެއް ވެސް ހުރީ ނިއްވާލާފައި ކަމަށާއި އެ ޖަނަރޭޓަރުތައް ނިއްވާލާފައި ވަނީ ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ.
ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ރަށަށް ކަރަންޓް ފޯރުކޮށްދީފައި ވަނިކޮށް ބަޔަކު އިންޖީނުގެއަށް ވަދެ ކަރަންޓް ދީފައިވާ ޖަނަރޭޓަރު ނިއްވާލާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން މެދުވެރިކޮށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މައްސަލަތަކެއް ހުރެގެން އިހްތިޖާޖު ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށާއި ނަމަވެސް އިންޖީނުގޭތެރެއަށް ވަދެ އެއްވެސް މީހަކަށް އިންޖީހު ނިވާލުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ. އަދި އިންޖީނުގޭގައި ބަހައްޓާނެ ޖަނަރޭޓަރު އެނގޭނީ އެ ހިދުމަތް ދޭ ފަރާތަށް ކަމަށާއި ވަކި ބާވަތެއްގެ ނުވަތަ ވަކި ކަހަލަ އިންޖީނެއް ބެހެއްޓުމަށް ޑިމާންޑް ނުކުރެވޭނެ ކަމަށެވެ.