ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 10:19
ގޭސްފުޅިތަކެއް ކައިރީ ބިދޭސީއެއް
ގޭސްފުޅިތަކެއް ކައިރީ ބިދޭސީއެއް
ގޫގުލް
ބިދޭސީން ގެނައުން
ބިދޭސީން ގެނައުމަށް އިތުރު ފައިސާއެއް ނުނަގާ ، މަގުސަދަކީ ނިޒާމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުން:އިމިގްރޭޝަން
މުއައްސަސާގެ އޮފިސަރަކު ގާނޫނާ ހިލާފް ކަމެއް ކުރާ ކަމުގެ ހެކި ގެނެސްދީ ފިޔަވަޅު އަޅާނަން
ބިދޭސީން އަތުން ފައިސާ ހޯދަނީ ބިދޭސީން ރާއްޖެ އެތެރެ ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުންދާ ރޯޑް އޭޖެންޓުން
ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނަން

ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގައި އިމިގްރޭޝަންގެ ބައެއް މުއައްޒަފުން އިތުރަށް ފައިސާ ނަގާ ކަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގު ހަބަރުތަކެއް ކަމަށާއި އެފަދަ ވާހަކަތައް ފެތުރުމުގެ މަގުސަދަކީ އިމިގްރޭޝަން ނިޒާމް ހަރުދަނާ ކުރުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ގެނައުމުގެ ބޭނުމުގައި ފަތުރަމުންދާ ހަބަރުތަކެއް ކަމަށް އިމިގްރޭޝަން އިން ބުނެފިއެވެ.

ހޯމަ ދުވަހު އިމިގްރޭޝަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބުނެފައި ވަނީ އެ މުއައްޞަސާއާއި މުއައްޞަސާގެ އޮފިސަރުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ހަގީގަތެއް ނެތް މަޢުލޫމާތު ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށާއި އެކަން އެ އިދާރާއިން ކުށްވެރިކުރާ ކަމަށެވެ.އަދި އެ މުއައްސަސާގެ އެއްވެސް އޮފިސަރަކު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރާ ކަމުގެ ސާބިތު ހެކި ލިބިފައިވާ ނަމަ އެ މަޢުލޫމާތު އެ މުއައްޞަސާއާ ޙިއްޞާކުރުމުން އެކަމެއް ހިނގާފައިވާ ގޮތް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން ދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ސޮއި ކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މުއައްސަސާ އާއި މުއައްސަސާގެ އޮފިސަރުންނާ މެދު ދޮގު ވާހަކަތައް ފަތުރަމުން ދަނީ އިމިގްރޭޝަންގެ ނިޒާމު ހަރުދަނާކޮށް ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ. އެފަދަ ވާހަކަތައް ފަތުރަމުންގެންދަނީ ރާއްޖެއަށް ވަޒީފާއަށް އަންނަ ފަރާތްތަކަކީ ސެކިއުރިޓީ އަދި ހެލްތު ސްކްރީން ކުރެވިގެން ގެނެވޭ ފަރާތްތަކަކަށް ހެދުމަށް ތައާރަފު ކުރުމަށް ނިންމާފައިވާ "މޯލްޑިވްސް އިމިގްރޭޝަން ޕްރި-ޑިޕާޗާ ސްކްރީނިނިން ސިސްޓަމް (މިޕްސް)" ވޫޖަދަށް އަޔަ ނުދިނުމުގެ ބޭނުމުގަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އިމިގްރޭޝަން މުވައްޒަފުންނަށް އިތުރު ފައިސާ ދައްކަންޖެހޭ ކަމަށް ބުނެ ބިދޭސީން އަތުން ފައިސާ ހޯދަނީ ބިދޭސީން ރާއްޖެ އެތެރެ ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުންދާ ރޯޑް އޭޖެންޓުންނެވެ. އެކަމަކު މިޕްސްގެ ނިޒާމާ އެކު އެ މީހުންގެ ދައުރު ނެތިގެންދާނެތީ، އިމިގްރޭޝަނާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކަނީ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަންވަރު ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ބިދޭސީން ވަޒީފާއަށް ގެނައުމުގައި ހިމެނޭ ތަފާތު ހިދުމަތްތަކަށް ތަފާތު ފީތައް އިމިގްރޭޝަން ގާނޫނު އަދި ބިދޭސީންނާ ގުޅޭ ގަވައިދުގެ ތެރެއިން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ގެންނަ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭ ފައިސާ ހިމެނެއެވެ. މި ފައިސާ ބަލައިގަތުމަށްފަހު ފައިސާ ދައްކާ ފަރާތްތަކަށް ރިސިޕްޓް ވެސް ދޫކުރެ އެވެ.

އެ ފައިސާ އަކީ، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އައުމަށް ބޭނުންވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށްޓަކައި އެ މުއައްސަސާގެ އޮފިސަރަކަށް ދޭންޖެހޭ ފައިސާކަމަށް ބުނެ، ރޯޑު އެޖެންޓުން ދޮގު މައުލޫމާތު ދީގެން ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ އަތުންނާއި ބިދޭސީ މީހާއަށް ވަޒީފާ ދޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާ ކަމަށް އިމިގްރޭޝަނުންގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތަށް ފައިސާ ނެގުމަށްފަހު ބިދޭސީ މީހާ ރާއްޖެ އައުމުން އެމީހާ މަގުމަތިކޮށްލައި، ނިކަމެތިން ހާލުގައި ޖައްސާ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ހަދަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިފަދަ އަމަލުތަކުގެ ސަބަބުން އެ އިދާރާއިން ބޭރުގެ އެކިއެކި އިދާރާތަކާއި ގުޅިގެން ހިއުމަންޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް ކުރިއަށް ގެންދާ މަސައްކަތްތައް ހުއްޓި އެކަމަށް ގެއްލުން ތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ. އަދި އެފަދަ މައުލޫމާތު ފަތުރާ މީޑީއާތަކާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް