ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ، ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ނާއިބު ރައީސް ޖިހާދުގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދުގައިވާ ހާރިޖީ ގުޅުމަށް 39 އަހަރު މިއަހަރު ފުރޭތީއާއެކު އެކަން ފާހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނަށްކީ ހޫނު މަރުހަބާއަށް ޝުކުރުއަދާކުރައްވާކަމަށާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ޖިހާދު އާއި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން ހާއްސަކޮށް ވިޔަފާރީގެ ދާއިރާއިން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ނައިބު ރައީސް ޖިހާދުގެ އަރިހުގައި، ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަހުމަދު ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.