ފްލެޓް ލިބުނު މީހުންގެ ނަންތައް ސިއްރު ކުރުމަށްފަހު، ފްލެޓަށް އެދި ހުށަހެޅި ފޯމް ނަމްބަރުތައް ހިމަނައިގެން ލިސްޓް އާއްމު ކޮށްފި އެވެ.
"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން މިވަނީ އިއުލާން ކޮށްފަ އެވެ.
ހޯމަ ދުވަހު އިއުލާންކޮށްފައިވާ އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ސުން ގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ކަމަށް ވެސް ހައުސިންގ މިނިސްޓްެރީން ބުނެއެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އެއިއުލާންގައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގަ ކަމަށެވެ.
ހައުސިންގ މިނިސްޓްރީ އާއްމުކޮށްފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭންގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށައެޅި ފޯމް ނަމްބަރުތަކެވެ.
ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި ގައިވަނީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ތެރެއިން ފްލެޓް ލިބުނު ކަމަށްބުނާ 500 މީހުންގެ ފޯމް ނަމްބަރާއި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ފްލެޓް ލިބުނުކަމަށްބުނާ 161 މީހުންގެ ފޯމް ނަމްބަރެވެ.