ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ރާއްޖެޓީވީން ކުރިއަށް ގެންދާ ޓެލެތޯނަށް އަމިއްލަ ކުންފުނިތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
"މޯލްޑިވްސް ވިތް ރޮހިންޖާ" މި ޓެލެތޯން ކުރިއަށްގެންދަނީ އާދިއްތަ ދުވަހުގެ 02:30 ހުން ފެށިގެން ހޯމަ ދުވަހުގެ 08:30 އަށެެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ބަޔަކު ފައިސާ ހަދިޔާ ކުރަމުންދާ އިރު އާދިއްތަ ދުވަހުގެ ރޭގަނޑު ދަންވަރު 12ގެ ކުރިން އެއް މިލިއަން ހަމަވި އިރު ހޯމަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ވަނީ 2 މިލިއަން ހަމަވެފަ އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ރޮހިންޖާ މުސްލިމުންނަށް އެހީވަމުންދާ އިރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ ބޮޑު އެހީއެއް ފޯރުކޮށްދީފަ އެވެ.
އެގޮތުން ޑޭ ޓްޑޭ ޓްރާންސްޕޯޓުގެ މުވައްފަޒުންގެ އެއްދުވަހުގެ މުސާރައިގެ ގޮތުގައި 10500ރ. ރާއްޖެޓީވީގައި ބެހެއްޓިފައިވާ ފަންޑުފޮއްޓަށް ހަދިޔާކޮށްފައިވެއެވެ. ކަވާއީ ފިހާރައިގެ އެއް ދުވަހުގެ ސޭލްސް އަދި މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކޮށްފައިވެ އެވެ.
ގްލޯބަލް ފަަޔަރގެ މުވައްޒަފުންނާއި އެ ކުންފުނީގެ ފަރާތުން 20000ރ. ވަނީ ހަދިޔާކޮށްފަ އެވެ. ކައިލާން ފިހާރައިން 15000ރ. ރުފިޔާ ފަންޑަށް ވަނީ ހަދިޔާކޮށްފަ އެވެ. ޕިރަމިޑްއިން ރެހެންދި ނައިޓް މާކެޓްގައި ގާއިމްކޮށްފައިވާ ސްޓޯލުން މިރޭ ލިބޭ 100 ޕަސެންޓް ސޭލްސް ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ. ޕިރަމިޑްގެ މި ސްޓޯލުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގާޑެން ފްރެޝްގެ ބާވަތްތަކާއި ޓޭންގް ޖޫސްގެ ބާވަތްތަކެވެ.
މީގެ އިތުރުން ޓްރޭޑް އެކްސް އިން 30000، ދީފައިވާ އިރު ޕާލީ ވެއިލް އިން 20000،ޕޭން އޯޝަންގެ ފަރާތުން 30000ރ.، ސީ ހޯސްގެ ފަރާތުން 30000ރ. ވަނީ ހަދިޔާ ކޮށްފަ އެވެ. އަދި ބީއެމްއެޗް އިން 50000ރ. ހަދިޔާކޮށްފައިވާ އިރު ހިލްޓީ މޯލްޑިވްސް އިން ވަނީ 30000ރ. ހަދިޔާ ކޮށްފަ އެވެ. މީގެ އިތުރުން، ހެޕީ މާޓުން ވަނީ 30000ރ. ހަދިޔާ ކޮށްފަ އެވެ. ގޭޖް އިން 36000 ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ.
މީގެ އިތުރުން ތަފާތު އެހެން ކުންފުނިތަކުން ވެސް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން 30 ހަށް ވުރެ ގިނަ ކުންފުނިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ރާއްޖެޓީވީގެ މެނޭޖްމެންޓުން ފާހަގަކުރެ އެވެ.
ރާއްޖެޓީވީން ޓެލެތޯން ކުރިއަށްގެންދިއުމުގައި އީވް،އެސްޓާސް އަދި ވުޑް ބެރީ އާއި އެމްއެޗްސެވެން އިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިޔަންމާގެ ރަޚައިނު ސްޓޭޓްގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަންގްލަދޭޝް ބޯޑާ ސަރަހައްދަށް ރައްކާތެރިކަން ހޯދުމަށް ޖަމާވެފަ އެވެ. ގާތްގަނޑަކަށް 270000 މީހުން އެ ސަރަހައްދަށް ޖަމާވެފައިވާ އިރު އެފަރާތްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކުން ވަނީ މަހުރޫމުވެފަ އެވެ. އެގޮތުން ސާފު ބޯފެނާއި، ބޯހިޔާވަހިކަމާއި، ކާބޯތަކެތި ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.