ބޭރުގެ އެކިއެކި ފަރާތްތަކުގެ ލޮލުގައި އަޅުވާ އަނދުނަކަށް ސިޔާސީ ޕާޓީތަކާއެކު ކުރެވޭ މަޝްވަރާ ހެއްދެވުގެ ވިސްނުންފުޅު ދޫކޮށްލައްވައި، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ އިޚްލާޞްތެރިކަން ދެއްކެވުމުގެ ގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށްފަހު މަޝްވަރާ އަށް ދައުވަތު ދެއްވަން އިދިކޮޅު ޕާޓީތަކުން ގޮވާލައިފި އެވެ.
ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ބޭނުންވާކަމަށް ބުނެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ރައީސް އޮފީހުން ސިޓީ ފޮނުވީ މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
އެ ސިޓީއާ ގުޅޭގޮތުން ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ބުނާއިރު އެކަން ކުރެއްވުމުގެ އެއްވެސް އިޚްލާޞްތެރިކަމެއް އަދި ހެޔޮ ނިޔަތެއް ރައީސް ޔާމީންގެ ސަރުކާރުގައި އޮތްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލު ނުކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ބަޖެޓެއް ދީފައިވާ ކަމަށާއި އެހެންނަމަވެސް އެ ބަޖެޓަށް ސަރުކާރުން "ހެއްދެވި ނުހެއްދެވި" ގޮތެއް އެނގެން ނެތްއިރު، ބަޖެޓުގައިވާ މަޝްރޫޢުތައް ސަރުކާރުން ހިންގުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަށް ޕާޓީތަކުން ގަބޫލުނުކުރާ ކަމަށެވެ.
ޕާޓީތަކުން މަޝްވަރާއަށް ނުދާން ނިންމީ ގިނަ ސަބަބުތަކެއް ދެއްކުމަށް ފަހުގަ އެވެ. އެގޮތުން ޤާނޫނު އަސާސީއަށާއި ޤާނޫނަށް ބެލުމެއް ނެތި ރައީސް ޔާމީންގެ ސަރުކާރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުޙައްޤުން ދަޢުވާކޮށް ޖަލަށްލާފައިވާ ކަމާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "އެއްވެސް އަސާސެއް ނެތް ތުހުމަތުތައް" ކޮށް ދައުވާ ކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ޕާޓީތަކުން ބުނީ ސަރުކާރާ ޚިޔާލު ތަފާތުވާ ކޮންމެ ރައްޔިތަކަށް ބޮޑެތި އަނިޔާ ދެމުންދާ ކަމަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށާއި، ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ނާޖާއިޒު ނުފޫޒު ފޯރުވައި، ބިރުދައްކައި، އެފަރާތްތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމަށެވެ. އަދި ސިފައިން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލިސް ހިޞާރުކުރުމަށްފަހު އެ މުއައްސަސާގެ ހަގީގީ ބޭނުން ކަނޑާލާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ އަދި އަސާސީ ޙައްޤުތައް އެކުގައި ނިގުޅައިގަނެފައިވާ ކަމަށާއި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހުއްޓުވައި، ސިޔާސީ ޕާޓީތަކުގެ ދައުރު ނައްތާލުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ޤާނޫނާ ޚިލާފަށް ހިފަހައްޓާފައިވާ ކަމަށާއި އަދި ކޮރަޕްޝަނާއި ވައްކަމުގެ ހުތުރު ޢަމަލުތަކުގެ އަޑީގައި ރައީސް ޔާމީން ހުންނަވައި، އެކަންކަމަށް ރައީސް ޔާމީން އެ ގެންދަވަނީ ހިތްވަރު ދެއްވަމުން އެކަންކަން ސަރުކާރުތެރޭގައި އާލާކުރައްވަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން ނުރައްކާތެރި ބޮޑެތި ޖިނާއީ މައްސަލަތައް ތަޙުޤީޤުކޮށް ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ވިސްނުންފުޅު ރައީސް ޔާމީންގެ ކިބައިގައި ހުރި ކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލުނުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
" ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ރަށްތައް ރައީސް ޔާމީން އެ ގެންދަވަނީ ނުއަގުގައި ހިތުހުރިގޮތަކަށް ވިއްކަވާލައްވަމުންނެވެ. ރާއްޖޭގެ އިޤްތުޞާދު މިވަނީ ނާޒުކު ފައްތަރަކަށް ވައްޓާލައްވާފައެވެ. އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެއްލެވުމެއް ނެތި ރައީސް ޔާމީނުގެ ޒާތީ ފައިދާއަށް ސަރުކާރުގެ ޚާރިޖީ ސިޔާސަތު އެވަނީ ވިއްކަވާލައްވާފައެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ޕާޓީތަކުން ބުނީ މިކަންކަން އިޞްލާޙު ކުރުމަކީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެކޭ ކަމަށާއި ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާނަމަ މިޤައުމުގައި އިޞްލާޙުކުރަން ހުރި ކަންކަމަކީ ސަރުކާރަށް މިހާރުން މިހާރަށްވެސް ކުރެވޭނެ ކަންތައްތައް ކަމަށެވެ.
މީގެ ކުރިންވެސް އެކިފަހަރުމަތިން ސިޔާސީ ޕާޓީތަކުން ރައީސް ޔާމީންގެ ސަރުކާރާއެކު މަޝްވަރާގެ މޭޒުދޮށަށް ގޮސްފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އ.ދ ގެ ސީދާ ބައިވެރިވުމާއެކު އެޖަމުޢިއްޔާއިން މީޑިއޭޓް ކޮށްގެންވެސް ސަރުކާރާއެކު މަޝްވަރާތައް ކުރެވޭތީ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް، ސަރުކާރުން ބަހަނާތަކެއް ދެއްކެވުމަށްފަހު އެ މަޝްވަރާތައް ފެއިލްކޮށްލާފައިވާ ކަމަށާއި އަދި ސަރުކާރުގެ އިޚްލާޞްތެރިކަން ނެތްކަން މުޅި ދުނިޔެއަށް ރައީސް ޔާމީން ސާބިތުކޮށްދެއްވާފައިވާ ކަމަށް ޕާޓީތަކުން ބުނެފައިވެއެވެ.
ޕާޓީތަކުގެ ބަޔާނުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.