ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 12:12
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ގާސިމްގެ ބޭސްފަރުވާ
ގާސިމްގެ ބޭސްފަރުވާއަށް އިތުރު މުއްދަތެއް ދެވެން ނެތް ކަމަށް އަންގައިފި
 ވައިގެ މަގުން ދަތުރުކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން
ބޭސްފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް އެދުނު
ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އިތުރު ކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަންގައިފި އެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އެގައުމުގަ އެވެ. ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން 10 ދުވަސް ދިން އިރު، އެ މުއްދަތު ހަމަވާނީ ހޮނިހިރު ދުވަހު އެވެ.

ގާސިމްގެ އާއިލާގެ ފަރާތުންނާއި ވަކީލުންގެ ފަރާތުން ވަނީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ކަރެކްޝަނަށް ހުށަހަޅާފަ އެވެ. ވައިގެ މަގުން ދަތުރު ކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގަވާފައި ވާތީ ބޭސްފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާއިން އެދިފައިވެއެވެ.

ގާސިމްގެ ފިރިހެން ދަރިފުޅު ޔަގްޝަން ގާސިމް ކެރެކްޝަނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ގާސިމް މިހާރު ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯގްރާމް އަދި ކޮރޮނަރީ އެންޖިއޯޕްލާސްޓް ހެއްދެވުމަށް ކަމަށް ވެސް ސިޓީގައިވެ އެވެ. އެމަރުހަލާތައް މިމަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ޝެޑިއުލް ކޮށްފައިވާ ކަންވެސް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ގާސިމްގެ ހާލަތު ސްޓޭބަލް ވަންދެން ހާލަތު ގާތުން މޮނީޓާކުރަން ޖެހޭތީ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ގާސިމްގެ އާއިލާއަށް އާދިއްތަ ދުވަހު ކަރެކްޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމްގެ މައްޗަށް ކޯޓުން ހުކުމް ކުރީވެސް ގާސިމްގެ ޣައިރު ހާޒިރުގައި ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް