ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 12:07
ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު
ސްޓެލްކޯގެ ކުރީގެ އެމްޑީ ޝުކޫރު
ރާއްޖެއެމްވީ
ސްޓެލްކޯ
ޝުކޫރުގެ މައްޗަށް ދައުވާ ކުރުމާމެދު ވަކި ގޮތެއް އަދި ނުނިންމަން: ޕީޖީ
ފިނޭންސް ޑިޕާޓްމަންޓްގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް ވެސް ފޮނުވާފައިވޭ
މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު
އޭސީސީން ބުނީ ޑޮލަރު ވިއްކަން އުޅުނު ކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދީފައިވާ ކަމަށް

ސްޓެލްކޯއިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ޚަރަދުކުރިކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤް ކުރުމަށް ފަހު، ސްޓެލްކޯގެ ކުރީގެ  މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު އަބްދުﷲ (ސްޓެލްކޯ ޝުކޫރު)އަދި ފައިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައި ވީނަމަވެސް މައްސަލާގައި ދައުވާ ކުރުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ. 

މައްސަލަ ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލާގައި ދައުވާ ކުރުން ލަސްވަމުން ދަނީ އެ މައްސަލަ ދިރާސާ ކުރަމުންދާތީ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކޮށް ނިމުނުހާ އަވަހަކަށް ގޮތެއް ނިންމާ މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު އަބްދުﷲ (ސްޓެލްކޯ ޝުކޫރު) އަދި ފައިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީ އިން މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. 

އޭސީސީން ބުނެފައި ވަނީ މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ ސްޓެލްކޯއިން ޚަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތި، ބޭރު ފައިސާ ގަނެވިއްކުމަކީ މަނާކަމެއް ކަމަށް މަނިޓަރީ ގަވާއިދު (01 މާރިޗް 1987) ގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ފައިސާ ޚަރަދު ކުރުމަށް ހުއްދަދިނުމުގެ ކުރިން ސްޓްލްކޯއަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުޢާމަލާތެއް ކުރުމުގެ ޤާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައިނުވަނީ، ޑޮލަރު ވިއްކުމަށްޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ  ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެން ކަމަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވާ ކަމަށެވެ.  ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައިނުވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯއަށް ހުށަހަޅާފައި ވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށްޓަކައި ޗެކްތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރއަށް އެނގިފައިވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ. އަދި އެ މަޢުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމަކާއިނުލައި، ޗެކް ހުށަހަޅާފައިވާ ކުންފުނިން 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދު ކުރުމަށް ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ ހުއްދަދީފައިވާކަން ތަޙްޤީޤަށް އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

"އެފައިސާ ޚަރަދުކުރުމަށް ނިންމާފައި އެވަނީ، ސްޓެލްކޯއަށް ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވީ ނަމަވެސް، ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެކުންފުނިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް ރިކުއެސްޓް ކުރި ކޮންމެ ފަހަރަކު ވެސް، ރައީސް އޮފީހުގެ ޚާއްޞަ ހުއްދައެއްގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގޭ" ސްޓެލްކޯއިން ބުނެފައިވެއެވެ.

އޭސީސީން ބުނީ ސްޓެލްކޯއަށް 200,000.00 (ދެ ލައްކަ) ޔޫ.އެސް ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެކުންފުނިން ޚަރަދުކުރުމުގެ ސަބަބުން، ސްޓެލްކޯއަށް ޑޮލަރު ވިއްކި ޕްރައިވެޓް ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވާކަން އެނގޭ ކަމަށާއި އެކަމަކީ ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ އާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއްކަން ތަޙްޤީޤަށް ސާބިތުކުރެވޭތީ މައްސަލައަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނުގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫންގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ސްޓެލްކޯގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރއާއި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް ގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯއަށް ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރުމެއް ނެތި 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެޑްވާންސްކޮށް ޚަރަދުކުރުމުގެ ސަބަބުން، އެފައިސާގެ ބަދަލަށް ޑޮލަރު ލިބިފައިނުވާކަން ފާހަގަކުރެވޭ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް، އެ ފައިސާއަކީ އެކުންފުޏަށް ލިބެންޖެހޭ ފައިސާއެއްކަމުން، އެ ފައިސާއަށް ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓަގެ ހެޑް އަދި އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޒިންމާވާން ޖެހޭނެތީ، ޑޮލަރުގަތުމަށް ސްޓެލްކޯއިން ޚަރަދު ކޮށްފައިވާ 3,084,000.00 (ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް) ރުފިޔާ އެފަރާތްތަކުގެ އަތުން ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައި ކަމަށްވެސް އޭސީސީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 13:17
އަބދުﷲ
މިއީ ސްޓެލްކޯގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެއް. ކުރަނީ ހުރިހާއެއްމެން ގުޅިގެން. ކޮންފަ ހުރި ކަންތައްތަށް އާއްމުންނަކަށް ނޭގޭނެ.