ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް އާދިއްތަ ދުވަހު މައްސަލަ ހުށަހެޅުއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގުޅިފައިވާ ޕާޓީތަކުންނެވެ.
ރައީސް މައުމޫނާއި އިދިކޮޅު ޕާޓީތަކުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ޚިލާފަށް ކަމަށެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެ ނިންމުން ނިންމާފައިވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލައިގައި މެންބަރުން ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމާ ވެސް ޚިލާފަށް ކަމަށެވެ.
އެ މައްސަލައިގައި އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައި ދިނުމަށާއި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ހަ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. އެގޮތުން ކޮންމެ ދާއިރާއެއްގެ ބައި އިލެކްޝަނަށް ދޮޅު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމަޖައްސައި ދިނުމަށް ކޮމިޝަނުން ވަނީ ހުށަހަޅާފަ އެވެ.