ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 08:05
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރައީސް އޮފީސް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ތައްޔާރުކުރަމުންދާ ޕެޓިޝަނުގެ މައުލޫމާތު ހޯދުމަށް ފޮނުވި ސިޓީތައް ބާތިލް ކޮށްފި
އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމަށް ގާޒީންގެ ޕެޓިޝަނެއް
އެކަމުގެ ހަގީގަތް ހޯދައި ދިނުމަށް އެދި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ސިޓީއެއް
ސިޓީ ބާތިލްކޮށް، އެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބުނާ ސިޓީއެއް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށަހެޅުމަށް ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއިކުރައްވަމުން ގެންދަވާ ކަމަށް ބުނާ ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ފޮނުވި ސިޓީ ބާތިލް ކޮށްފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ސޮއި ކުރައްވައި މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު ކޯޓުތަކަށް ފޮނުއްވި ސިޓީގައި އެދިފައި ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ބައެއް ގާޒީން ސޮއި ކުރައްވާ ކަމުގެ ތުހުމަތުތަކެއް ކުރެވޭތީ، އެއީ ހިނގާ ކަމެއްތޯ ބަލައިދިނުމަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި އެ ޑިޕާޓްމެންޓުން ކޯޓުތަކަށް ސިޓީ ފޮނުވީ ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއިކުރަމުން ގެންދޭތޯ ބެލުމަކަށް ނޫނެވެ. އެ ސިޓީ ފޮނުވީ ސޯޝަލް މީޑިއާގައި އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ފަނޑިޔާރުންތަކެއް ޕެޓިޝަނެއްގައި ސޮއިކުރަމުންދާ ކަމަށް ބުނާ ވާހަކަތަކެއް ފެތުރޭތީ، އެކަމުގެ ހަގީގަތް ހޯދުމުގެ ގޮތުން ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ވަނީ ކޯޓްތަކަށް ފޮނުވި ސިޓީ ބާތިލް ކޮށްފަ އެވެ. އަދި ކޯޓް ތަކަށް އިތުރު ސިޓީއެއް ފޮނުވާފައިވާއިރު، ފަހުން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރީގެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް އަދިވެސް ހުއްޓާލާފައި ނުވެ އެވެ. އެކަމުގައި ގިނަ އަދަދެއްގެ ގާޒީން ބައިވެރިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު އައްޔަން ކުރައްވަން އުޅޭކަމަށް ބުނާ ވާހަކަތަކެއް ވެސް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް