މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު ބިނާވެފައި ވަނީ ބައިނަލްއަގްވާމީ ދުނިޔޭގެ ނިންމުންތަކުގެ މައްޗަށް ކަމަށް ރޮހިންޖާގެ ރައްޔިތެއް ކަމަށްވާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ތުން ކިން ވިދާޅުވެއްޖެއެވެ.
ކިން މިހެން ވިދާޅުވީ ރާއްޖެޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ، ރޮހިންޖާ މީހުންގެ މުސްތަގުބަލެއް އޮންނާނީ ބައިނަލްއަގްވާމީ ދުނިޔެއިން އެކުގައި މިޔަންމާ ސަރުކާރަށް ބާރު އަޅާ، ރޮހިންޖާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށްދެވިގެން ކަމަށެވެ.
"އެހެންނޫނީ ބަރްމާގެ އަސްކަރިއްޔާއިން ދާނީ ރޮހިންގާ މީހުން މަރަމުން،" ކިން ވިދާޅުވިއެވެ.
މީގެ އިތުރުން ކިން ވިދާޅުވީ ރޮހިންޖާ މީހުން މި ހާލުގައި އުޅޭތާ އެތަކެއް ޒަމާން ވެއްޖެކަމަށާއި، މި ކުރިއަށްދަނީ ނަސްލެއް ނައްތާލުމުގެ މަސައްކަތް ކަމަށެވެ.
އަދި މިގޮތަށް ޖެނިސައިޑެއް ކުރިއަށް ގެންދާ އިރު ބައިނަލްއަގްވާމީ ދުނިޔެއިން މަޑުން ތިބެގެން ނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތުން ކިން އަކީ މިޔަންމާގައި ކުރިއަށްދާ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމުގެ ނަސީބު ލިބިފައިވާ މަދު ރޮހިންޖާ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާ އަކީ މިހާރު އިނގިރޭސިވިލާތުގެ ބަރމީސް ރޮހިންގާ އޯގަނައިޒޭޝަންގެ ރައީސެވެ. ކިންގެ ހާއްސަ އިންޓަވިއު ރާއްޖެޓީވީން އާދިއްތަ އާއި ހޯމަ ދުވަހު ކުރިއަށްގެންދާ "މޯލްޑިވްސް ވިތު ރޮހިންޖާ" ޓެލެތޮން ގައި ގެނެސްދެވޭނެއެވެ.