ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 19:06
ޤާސިމް އިބްރާހިމް - އޭނާއަށް ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ
ޤާސިމް އިބްރާހިމް - އޭނާއަށް ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ
ރާއްޖެ އެމްވީ
ޤާސިމްގެ ސިއްހީ ހާލުކޮޅު
އިތުރު ތިން މަސް ދުވަހު ސިއްހީ ފަރުވާއަށް ޤާސިމް ސިންގަޕޫރުގައި މަޑުކުރައްވަންޖެހޭ: ޑޮކްޓަރު
ކޯޓު ހުކުމާއެކު ކަރެކްޝަނަލް ސާރވިސްއިން ޤާސިމް އިބްރާހިމްގެ ސިއްހީ ފަރުވާއަށް ދެއްވާފައިވަނީ އެންމެ 10 ދުވަސް
ޤާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ޖެހިފައިވާކަމަށް ޑޮކްޓަރުން ބުނޭ
މައުންޓް އެލިޒަބަތު ހޮސްޕިޓަލުން އަންނަ ހުކުރު ދުވަހު ޤާސިމްގެ ހިތުގެ ޓެސްޓުތައް ހެދުމަށް ވަނީ ނިންމާފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް، އިތުރު ތިން މަސްދުވަހު ޤައުމުން ބޭރުގައި މަޑުކުރައްވަންޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވައިފި އެވެ.

 

ޤާސިމް އިބްރާހިމް މިހާރު ހުންނެވީ ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގަތުމުގެ ސަބަބުން ފަރުވާއަށް ސިންގަޕޫރައަށް ވަޑައިގެންނެވެ. ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދަދެއްވިއިރު، ޤާސިމް އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރައްވައިފައެވެ. ކޯޓު ހުކުމާއެކު ކަރެކްޝަނަލް ސާރވިސް އިން ޤާސިމް އިބްރާހިމްގެ ސިއްހީ ފަރުވާއަށް ދެއްވާފައި ވަނީ އެންމެ 10 ދުވަހެވެ.

 

ޤާސިމް ފަރުވާ ހޯދަވަމުންގެންދެވީ ހިތުގެ ބައްޔަށެވެ. ޤާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު އޭނައަށް ދެއްވި ލިޔުމުގައި ވިދާޅުވެފައިވާ ގޮތުން ޤާސިމަށް ވަނީ ސީރިއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ. އެގޮތުން ޤާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތައް މައްސަލަ ޖެހިފައިވާ ކަމަށާއި، ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

 

މައުންޓް އެލިޒަބަތު ހޮސްޕިޓަލުން އަންނަ ހުކުރު ދުވަހު ޤާސިމްގެ ހިތުގެ ޓެސްޓުތައް ހެއްދެވުމަށް ވަނީ ނިންމާފަ އެވެ. އަދި ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ޓެސްޓުތަކަށް ފަހު ކުރިއަށް އޮތް ތިން މަހު އެ ޤައުމުގައި މަޑު ކުރެއްވުމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމަށް ހުކުމް ކުރީ އައިޖީއެމްއެޗްގައި ފަރުވާ ދެއްވަމުންދަނިކޮށެވެ. ގާސިމަށް ފަރުވާ ދެއްވަމުން ދިޔައީ  ހިތުގެ ބައްޔަކަށެވެ.. މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހްމަތު ގާސިމްގެ މައްޗަށް އުފުލީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ގާސިމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މި ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށެވެ. ގާސިމް ބޭސްފަރުވާ އަށް ފޮނުއްވަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައި ވަނިކޮށް، ރާއްޖޭން ބޭރަށް ގާސިމް ފޮނުއްވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ނުދީ ދެ ހަފުތާއަށް ހިފެހެއްޓި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް