ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް، ގޮނޑި ނުގެއްލޭކަން ސުޕްރީމް ކޯޓުގެ ހުކުމުންނާއި އަމުރުތަކުން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތަކުންނާއި އަމުރުތަކުން އަދި ނިންމުތަކުން ގޮނޑި ނުގެއްލޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އެއްމަސް ދުވަހުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގަ އެވެ. އެއީ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ނުވަތަ އަހަރުގެ ފަހު ދައުރު އެވެ. މަޖިލީހުގެ ފަހު ދައުުރުގައި މައިގަނޑު ގޮތެއްގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހިނގަމުންދަނީ ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމާއި އެބަޖެޓަށް މެމްބަރުން މަޝްވަރާކޮށް ބަހުސް ކުރުމާއި ފާސް ކުރުމެވެ.
އެ ހަތަރު މެމްބަރުންވެސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައެޅާފައިވީނަމަވެސް އެކަން އެ މެމްބަރުންނަށް އަންގާފައި ނުވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެމާއެކު ރައްޔިތުންގެ މަޖިލީހުން އެމެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނަމަވެސް މަޖިލީހުގެ އިދާރާއިން ވެސް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އަންގާފައި ނުވާ ކަމަށެވެ.
އެ މެމްބަރުން ވިދާޅުވީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ނިންމާފައިވާކަމުގެ އަޑުތައް ފެތުރިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުން ލިބިދޭ މަޖިލީހުގެ މެމްބަރުކަމުގެ ކާޑާއި ޕާސްޕޯޓް ފަދަ ތަކެތި ވެސް މަޖިލީހުގެ އިދާރާއާ ހަވާލު ކުރުމަށް އަންގާފައި ނުވާއިރު، އެތަކެތި ހަވާލުކުރަން އެންގޭނީ މެމްބަރުކަން ގެއްލިފައިވާ ކަމަށް މަޖިލީހުން އެ މެމްބަރުންނަށް ލިޔުމުން އެންގެވީމާ ކަމަށްވެސް އެ ހަތަރު މެމްބަރުން ވިދާޅުވި އެވެ.
އެ ހަތުރު މެމްބަރުންވެސް ވަނީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ފާޑު ވިދާޅުވެފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުންތައް މަޖިލީހުން ތަންފީޒު ކުރައްވަމުންގެންދަވާ އަބްދުﷲ މަސީހު މުހައްމަދަކީ މަޖިލީހުގެ ރައީސްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
މެމްބަރުންގެ ގޮނޑިއާމެދު ސުވާލު އުފައްދާ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ތަހުގީގު ހިންގާ ޝަރީއަތުގެ އަޑުއެޑުއެހުންތައް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.