ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މާ ބޮޑަށް ބާރު ލިބޭ ކަމަށާއި، އެކަން ހައްލު ކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ ގާނޫނު އަސާސީން ރައީސްއަށް ލިބިދޭ ބާރު ތަންކޮޅެއް ބޮޑު ކަމަށާއި، މިވެރިކަމުގައި އެކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު މުތުލަގަށް ލިބިފައިވުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.
މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް ފެނަކަ ކޯޕްރޭޝަންގެ ވަޒީފާ އަށް މީހުން ނަގާ އުސޫލުން މިހާރު ޑެޕިއުޓީ މިނިސްޓަރުންގެ މަގާމު ބަހަމުންދާ ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ޖަލްސާއަށް އައިސް މައިކްގައި ހިފާލާ ކޮންމެ މީހަކަށް ސަފީރުކަން ވެސް ބަހާލާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު މީކާއީލް ވިދާޅުވީ މިކަމަށް ނިމުމެއް އަންނަން ޖެހޭ ކަމަށާއި، މިކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ.
އަޅުގަނޑު ވެސް މާޒީއަށް ވިސްނާލާއިރު އެނގޭތޯ އަދި ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް އަލިވިލިގެން އައި ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އަށް މި ގާނޫނު އަސާސީން ލިބޭ ބާރުތައް ތަންކޮޅެއް ބޮޑުހެން އަޅުގަނޑަށް ވެސް ހީވާން ފަށައިފި. އެއް ކަމަކަށް މުތުލަގަށް މި ލިބޭ ބާރުތައް މިސާލަކަށް ދަންނަވާ ކަމަށްވާނަމަ މީހުން އައްޔަން ކުރުމުގެ ބާރު. ސިޔާސީ ގޮތުން. އަޅުގަނޑުމެންގެ ގައުމަކީ ވަރަށް ކުޑަ ކުޑަ ގައުމެއް. ވަރަށް ކުޑަކުޑަ އިގްތިސާދެއް އެނގޭތޯ. އޮންނައިރުގައި ރައީސުލްޖުމްހޫރިއްޔާގެ އާރާބާރު ދަމަހައްޓަން، ސިޔާސީ ޕާޓީގެ ޕަވަރ ކޮންސިލިޑޭޓް ކުރަން ހަމަ ނުކުތާ ވަރަށް ސަފީރުންނާ އެނގޭތޯ. އަމީރުންނާ އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދޭ ކަަށް ނުޖެހޭ. އެ އޮންނަން ޖެހެނީ އަޅުގަނޑުމެންނަށް ހޯދޭ އާމްދަނީއެއްގެ ވަކި އިންސައްތަ އެއް ކަނޑައަޅަންވީ އެނގޭތޯ. އެ އިންސައްތާގެ ތެރެއިން އެނގޭތޯ ރައީސުލްޖުމްހޫރިއްޔާ ވެސް ދެން އައްޔަން ކުރަންވީ ސިޔާސީ ގޮތުން އެމަނިކުފާނު ސަރުކާރު ހިންގަންވީ މީހުންނާ، ކެބިނެޓާ ދެން ވެސް އޮތް ބަޔަކާ އެނގޭތޯ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް![]()
މެންބަރު މީކާއީލް ވިދާޅުވީ ރައީސްއަށް އިންތިޚާބު ކުރާ މީހާ ޖަވާބުދާރީ ކުރުވެން ޖެހޭ ކަމަށާއި، 5 އަހަރުގެ ދައުރުގެ ތެރޭގައި ބޭނުންހާ ގޮތަކަށް ބޭނުން ކަމެއް ކުރެވޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ގޮތްގޮތަކަށް ހޯދައި، ގާނޫނު އަސާސީން މިކަން ފަހި ކުރަން ޖެހޭ ކަމަށެވެ.