ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގް، ޕާލިމެންޓަރީ ކޮމިޓީއަކަށް ދޮގު ހެދި މައްސަލަ އެއް ގައި އޭނާ ކުށްވެރިވާ ކަމަށް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން، ހުކުމް ދަމަހައްޓައިފި އެވެ.
ފެބްރުއަރީ މަހު ސިންގް 14,000 ސިންގަޕޫރު ޑޮލަރު އިން ޖޫރިމަނާކުރެވުނެވެ. މި ޖޫރިމަނާ ކުރެވުނީ އޭނާގެ ޕާޓީ އަށް ނިސްބަތްވާ ކުރީގެ ޕާލިމެންޓް މެންބަރެއް ކަމަށްވާ ރައީސާ ޚާން، ޕާލިމެންޓުގެ ކޮމިޓީ އަކަށް ދޮގު ހެދި މައްސަލައިގައި ސިންގް އޭނާ އަށް ވާގިވެރިވި ކަމަށް ކުރި ތުހުމަތުގައި ކުރިއަށް ގެންދިޔަ ދެ ދަޢުވާއަކާ ގުޅިގެންނެވެ.
މި މައްސަލަ ފެށިފައިވަނީ 2021 ވަނަ އަހަރުގައެވެ. އެއީ ޚާން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އެއް ގައި ދެއްކި ވާހަކަ އަކާ ގުޅިގެންނެވެ. ޚާން ބުނެފައިވަނީ ޖިންސީ ޝިކާރައަކަށް ވި މީހެއްގެ މައްސަލައިގައި ފުލުހުން އެމީހާ އާ މެދު އަދަބު ކުޑަކޮށް މުޢާމަލާތް ކުރާތަން އޭނާ ދުށް ކަމަށެވެ.
އޭނާ ދެއްކި ވާހަކައަކީ ތެދެއް ނޫންކަމަށް އޭނާ ފަހުން އިއުތިރާފުވި އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަޙްޤީޤެއްގައި އޭނާ ބުނެފައިވަނީ، ސިންގް ވެސް ހިމެނޭ ގޮތަށް، ޕާޓީގެ އިސްވެރިން އެއީ ދޮގެއްކަން އެނގިތިބެ، "އެވާހަކަ އެ ގޮތައް ދައްކަމުން ގެންދަން" އޭނާ އަށް އަންގާފައިވާ ކަމަށެވެ.
އެ ހާދިސާއަށްފަހު ޚާން ވަނީ ޕާޓީންނާއި ރައްޔިތުންގެ މަޖިލީހުން އިސްތިޢުފާ ދީފަ އެވެ. ދޮގު ހެދުމާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ކުށުގައި ޚާން 35,000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކުރެވުނެވެ.
ޕާޓީގެ ލީޑަރު ސިންގް ގެ ޢަމަލުތަކުން "ވަރަށް ބޮޑަށް ދައްކުވައިދެނީ" ޚާންގެ ދޮގު ބަޔާން އިސްލާޙުކުރަން އޭނާ ބޭނުންނުވި ކަން ސާބިތުވާ ކަމަށް ބުނެ ފެބްރުއަރީ މަހު ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ހުކުރު ދުވަހު އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު ކުރު އިސްތިއުނާފު އަޑުއެހުމެއްގައި ފަނޑިޔާރު ވިދާޅުވީ، ސިންގް ކުށްވެރިވާކަން ހުށަހެޅުނު ހެކިތަކުން ސާފުވާ ކަމަށެވެ.
އިދިކޮޅު މައި ޕާޓީ - ވޯކަރސް ޕާޓީގެ ލީޑަރު ސިންގް ވިދާޅުވީ، ފަނޑިޔާރުގެ ނިންމެވުމާ މެދު އޭނާ ހިތާމަ ކުރާ ކަމަށާއި ނަމަވެސް އެ ނިންމުން "ފުރިހަމަ އަށް އަދި އެއްވެސް ޝަރުޠަކާ ނުލައި" ގަބޫލުކުރައްވާ ކަމަށެވެ.
ހުކުރު ދުވަހު ކޯޓުގެ އަޑުއެހުން ނިމުމުން އޭނާ ވަނީ ޖޫރިމަނާ ދައްކާފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، "ވީހާވެސް އަވަހަށް ކަންކަން ނިންމާލުން ރަނގަޅު" ކަމަށެވެ.
މި ހުކުމާއެކު ވެސް ސިންގް އަށް ލިބިފައިވާ ޕާލިމެންޓުގެ ގޮނޑި ދެމިހުންނާނެ އެވެ. ހުކުރު ދުވަހު އޭނާ ވިދާޅުވީ އޭނާ ސިންގަޕޫރުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ.
ވޯކަރސް ޕާޓީ އަކީ ސިންގަޕޫރުގެ މިހާރުގެ ޕާލިމެންޓުގެ ހަމައެކަނި އިދިކޮޅު ޕާޓީ އެވެ. ޕާލިމެންޓުގެ 99 ގޮނޑީގެ ތެރެއިން 12 ގޮނޑި އެޕާޓީ ހޯދާފައިވެއެވެ.