ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެކްސީ ޑްރައިވަރުންވެސް ނުކުމެއްޖެ އެވެ.
ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަދައްކަވަމުން، ރަސަލް ޓެކްސީގެ މެނޭޖްމެންޓުގެ އިސް އޮފިޝަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ، މީގެ ކުރިންވެސް ތަފާތު އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަބަދުވެސް މިފަދަ ކަންކަމުގައި ފުރަތަމަ އިސްކޮށް ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ނިކުތުމުގައި ޓެކްސީ ޑްރައިވަރުން ބޭނުންވާގޮތް ކަމަށެވެ.
" ޓެކްސީ ސެންޓަރުތަކުންނާއި ޕިކަޕް ސެންޓަރުތަކުން ވަރަށް ބޮޑު ތަރުހީބެއް މިފަދަ ކަންކަމުގައި ދެއްވާ. އެގޮތުން ރަސަލް ޓެކްސީ ތަކުގައާއި 5050 ޕިކަޕް ސެންޓަރުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ. އަދި ރާއްޖެޓީވީއަށް ޓެލެތޯންގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕިކަޕްގައި ޓީޝާޓު ވިއްކުމާއި ފޮތް ވިއްކުންވެސް ކުރިއަށްދާނެ." އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.
މާލޭގެ ނުވަ ޓެކްސީ ސެންޓަރުންވެސް ފަންޑު ފޮށި ބެހެއްޓުމަކީ ރަސަލް ޓެކްސީ އިން ވަރަށް ބޮޑަށް އެދޭ ކަމަށާއި މިހާރުވެސް ޓެކްސީތަކާއި ގުޅައިގެން ކަންކަން ރާވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަމަށް ގިނަ ބައެެއްގެ ތަރުހީބު ލިބިމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެޓީވީން ކުރިއަށްގެންދާ " ރޮހިންޖާ މުސްލިމުންނާއިއެކު ދިވެހިން" މި ޓެލެތޯންގައި ބައިވެރިވުމުގެ ގޮތުން އަތޮޅުތެރޭގެ ރައްތަކުންވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން ފަންޑު ރެއިސް ކުރުމުގެ ހަރަކާތްތަކެއް ބ.ކަމަދޫގައި ހުކުރު ދުވަހު ވަނީ ކުރިއަށްގެންގޮސްފަ އެވެ. މީގެ އިތުރުން ލ.ގަމާއި ދ. ކުޑަހުވަދޫގައިވެސް ވަނީ ފަންޑު ރެއިސް ކުރުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފަ އެވެ. ޓެލެތޯނު ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 02:30 ހުން ފެށިގެން 24 ގަޑިއިރަށެވެ.