ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 17:17
ކޯފް ސިރަޕް ސަމުސަލަކަށް އަޅަނީ
ކޯފް ސިރަޕް ސަމުސަލަކަށް އަޅަނީ
ގެޓީއިމޭޖަސް
ކެއްސުން
ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟
ގިނަ ފަހަރު ރޯގާ ޖެހި ކެއްސުމުގެ ފަރުވާ އަކަށް ބޭސްފިހާރަތަކުން ލިބެން ހުންނަ ކޯފް ސިރަޕް ތަކަށް މީހުން ބަރޯސާވެއެވެ. ނަމަވެސް، މި ބޭސްތަކުން ހަގީގަތުގައި ފަރުވާއެއް ލިބޭ ބާވައެވެ؟ ނުވަތަ މާމުތާއި ލުނބޯ ހުތް ބޭނުން ކޮށްގެން ގޭގައި ތައްޔާރު ކޮށްލާ ކެއްސުމުގެ ފަރުވާ މާ ރަނގަޅު ނޫން ބާވައެވެ؟

ގިނަ ފަހަރު ރޯގާ ޖެހި ކެއްސުމުގެ ފަރުވާ އަކަށް ބޭސްފިހާރަތަކުން ލިބެން ހުންނަ ކޯފް ސިރަޕް ތަކަށް މީހުން ބަރޯސާވެއެވެ. ނަމަވެސް، މި ބޭސްތަކުން ހަގީގަތުގައި ފަރުވާއެއް ލިބޭ ބާވައެވެ؟ ނުވަތަ މާމުތާއި ލުނބޯ ހުތް ބޭނުން ކޮށްގެން ގޭގައި ތައްޔާރު ކޮށްލާ ކެއްސުމުގެ ފަރުވާ މާ ރަނގަޅު ނޫން ބާވައެވެ؟

މެންޗެސްޓަރ ޔުނިވަރސިޓީގެ ރެސްޕިރޭޓަރީ މެޑިސިންގެ ޕްރޮފެސަރެއް ކަމަށްވާ ޖެކީ ސްމިތް، ބީބީސީ ގެ ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި، މިކަމުގެ ހަގީގަތް ހާމަކޮށްދެއްވިއެވެ.

ގިނަ ކެއްސުންތައް އަންނަނީ ރޯގާ އާ ގުޅިގެންނެވެ. އެއީ ރޯގާ ގެ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވާސިލު ވެގެންނެވެ. ހަގީގަތަކީ ކެއްސުމަށް ބޭނުންކުރާ ބޭސްތަކުން މި ވައިރަސްތައް ނައްތާލެވޭ ގޮތެއް ނޯވެއެވެ. ނަމަވެސް އެ ބޭސްތަކުން ކަރުތެރެ އަށް ފަސޭހަވެ، ކެއްސުމަށް މަގުފަހިވާ ކޮށި އެރުމުގެ މައްސަލަ އަށް ހައްލެއް ލިބެ އެވެ.

ޕްރޮފެސަރ ސްމިތް ވިދާޅުވީ، ހިކި ކެއްސުމެއް ނަމަ، ގްލައިސެރޯލް ފަދަ ފޮނި ސިރަޕް ބޭސްތައް ބޭނުން ކުރުމުން ކަރު ތެރެ ފަސޭހަ ކޮށްދީ ކަރުތެރެ ހިކުން ކުޑަކޮށްދެ އެވެ. ނަމަވެސް، މިކަން ހާސިލު ކުރަން ކޮންމެހެން އަގު ބޮޑު ކޯފް ސިރަޕް ގަންނަން ނުޖެހޭ ކަމަށާއި، ސުޕަމާކެޓްތަކުން ލިބޭ އަގުހެޔޮ ބްރޭންޑްތައް ވެސް ފުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިފަދަ ބޭސްތައް ގަންނަ އިރު ލޭބަލުން ބަލަންޖެހޭ އެއްކަމަކީ އޭގައި އެކުލެވޭ ހަކުރުގެ މިންވަރެވެ. ފޮނި ސިރަޕްތަކުގައި ގިނަ މިންވަރަކަށް ހަކުރު ހުރެއެވެ. އެހެންކަމުން، ހަކުރު ހިމަނާފައިނުވާ ކެއްސުމުގެ ބޭސްތަކަކީ މިކަމަށް ވިސްނާ ފަރާތްތަކަށް ރަނގަޅު ގޮތަކަށް ވެދާނެއެވެ.

ކެއްސުމަށް ބޭނުންކުރާ ބޭސްތަކުގައި ވަކި ވައްތަރެއްގެ "އެކްޓިވް އިންގްރީޑިއެންޓްސް" ހިމެނޭކަމަށް ވެސް ގިނަ ފަހަރު އިޝްތިހާރުކުރެއެވެ. މި ތަކެތީގެ ތެރޭގައި ޑެކްސްޓްރޮމެތޯފަން ހިމެނެއެވެ. ޑެކްސްޓްރޮމެތޯފަން ގެ ސަބަބުން ކެއްސުން އައުން ކުޑަކުރާކަމަށް ބުނެއެވެ. ނަމަވެސް ޕްރޮފެސަރ ސްމިތް ވިދާޅުވަނީ، އެ މާއްދާގެ ސަބަބުން މިކަމުގެ އަސަރު ވަރަށް ކުޑަ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބޭސް ބޭނުންކުރާ މިންވަރަށް ސަމާލުކަންދިނުން މުހިންމު ކަމަށާއި، ޚާއްސަކޮށް ޑެކްސްޓްރޮމެތޯފަން ފަދަ އެޑިކްޓްވާ މާއްދާތައް ހިމެނޭ ބޭސްތައް ބޭނުންކުރުމުގައި މިކަން މުހިންމު ކަމަށެވެ. "ބޭހުގެ ލޭބަލްގައި އަންގާފައިވާ މިންވަރަށްވުރެ އިތުރަށް ބޭނުންކުރަން ނުޖެހޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ލެވޮމެންތޯލް އަކީ ބައެއް ކެއްސުމުގެ ސިރަޕްތަކުގައި ހިމެނޭ މާއްދާ އެކެވެ. މީގެ ސަބަބުން ކަރުތެރެ އަށް "ފިނި އިހުސާސެއް" ލިބި، ކޮށި އެރުން ކުޑަކޮށްދެއެވެ.

ފެން ބޮއެ ކުޑަކޮށް މަޑުކޮށްލާ

މޭގައި އަރިދަފުސް ހިފާފައިވާ ކެއްސުމެއް ނަމަ، ގިނަ ބަޔަކަށް ނޭވާ ކުރުވުމާއި މެޔަށް ބާރުވުން ފަދަ ތަޖުރިބާތައް ކުރެވެއެވެ. މިކަން މެދުވެރިވަނީ ބްރޮންކައިޓިސް ފަދަ ދެވަނަ ދަރަޖައިގެ އިންފެކްޝަންތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ނުވަތަ ނޭފަތާއި ސައިނަސްގައި ގިނައިން އަރިދަފުސް ޖަމާވުމުގެ ސަބަބުންނެވެ.

މިފަދަ ހާލަތްތަކުގައި އޯވަރ-ދަ-ކައުންޓަރ ސިރަޕްތައް ބޭނުން ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް ޕްރޮފެސަރ ސްމިތްގެ ނަސޭހަތަކީ އެ ބޭސްތަކުން ހަގީގީ ފަރުވާ އެއް ލިބޭ ކަމާ މެދު ކުރެވޭ ސުވާލާ މެދު ވިސްނުމެވެ.

މިސާލަކަށް، ބައެއް ސިރަޕް ގައި ހުންނަ މާއްދާ އެއް ކަމަށް ވާ ގުއައިފެނެސިން އަކީ އަރިދަފުސް ފޭބުމަށް އެހީވާ މާއްދާ އެއް ކަމަށް ބުނެއެވެ. ނަމަވެސް މިކަން ސާބިތުވާނެ ހެކިތަކެއް ނެތެވެ. އަދި ޑައިފެންހައިޑްރަމިން ފަދަ ނިދި އަންނަ އެންޓިހިސްޓަމީން ތަކުން ނިދުމަށް އެހީވެދިނަސް، އެއީ ކެއްސުމަށް ފަރުވާއެއް ނޫނެވެ.

ޕްރޮފެސަރ ސްމިތް ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅު ގޮތަކީ، ކެއްސުން ރަނގަޅުވަންދެން "ވަގުތު ކޮޅަކަށް ކެތްތެރިވެލުމެވެ." އެއާ އެކު ހަށިގަނޑުގައި ފެން މަދުވިޔަ ނުދީ ފެން ބުއިމެވެ.

މާމުއި އަދި ލުނބޯ ރަނގަޅުވާނެތަ؟

ރޯގާ ޖެހި ކެއްސުމުގެ ފަރުވާ އެއް ގެ ގޮތުން ގޭގައި ތައްޔާރު ކުރާ ފަރުވާ އެއް ކަމުގައިވާ މާމުއި އަދި ލުނބޯ ހޫނު ކޮށްލައިގެން ބޭނުން ކުރުމުން، ހިކި ކެއްސުމަށް އޯވަރ-ދަ-ކައުންޓަރ ގިނަ ބޭސްތަކުން ލިބޭ ފަދަ ލުއި ކަމެއް ލިބިދެއެވެ.

ޕްރޮފެސަރ ސްމިތް އިތުރަށް ވިދާޅުވީ، ދިރާސާ އިން ދައްކާފައިވާ ގޮތުގައި، އެއް އަހަރުން މަތީގެ ކުދިންނަށް ކެއްސުމާއި ރޯގާ އަށް މާމުއި އަދި ލުނބޯ ބޭނުން ކުރުމުން "ބައެއް ފައިދާތައް" ލިބިދާނެ ކަމަށެވެ.

ކެއްސަން ޖެހޭނެ

ކެއްސުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަން ހަނދާންކުރުން މުހިންމެވެ. ހަށިގަނޑުން އަރިދަފުސް ބޭރުކުރަނީ މިގޮތަށެވެ.

އަރިދަފުސް އެކުލެވޭ ކެއްސުމެއް ނަމަ، އިތުރަށް ހުންން އަރިދަފުސް ބޭރުކޮށްލުމުން ނޭވާލާ ނިޒާމަށް ފަސޭހަވެއެވެ.

ޕްރޮފެސަރ ސްމިތް ވިދާޅުވީ ކެއްސައިގެން ހަށިގަނޑުން ބޭރު ކުރަންޖެހޭ ހުރިހާ އެއްޗެއް ބޭރު ކުރަން ޖެހޭނެ ކަމަށެވެ. ކެއްސުން ހިފެހެއްޓުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ކެއްސާފައި އަރިދަފުހާ އެކު ކުޅު ދިރުވާލުމަކީ ވެސް މައްސަލަ އެއް ނޫން ކަމުގައެވެ. އެކަމުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެއްސާލާއިރު ބޭރުވާ އެއްޗެއް ގަދަ މުށި ކުލަ އަކަށް ހުންނަ ނަމަ ނޫނީ ކަންބޮޑުވާން ނުޖެހޭނެއެވެ. ސަބަބަކީ އެފަދަ ހާލަތެއްގައި "އޭގައި ލޭވެސް ހުރެދާނެ" ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ކެއްސުންތައް އާންމުކޮށް ހަފްތާއެއް ނުވަތަ ދެ ހަފްތާގެ ތެރޭގައި އެންޓިބަޔޮޓިކްސް ބޭނުން ނުކޮށް ރަނގަޅުވެއެވެ. ނަމަވެސް، ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ ނަމަ، ޕްރޮފެސަރ ސްމިތް ވިދާޅުވަނީ ޑޮކްޓަރަށް ދެއްކުން ރަނގަޅު ކަމުގައެވެ.

- ކޮމެންޓް