ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 11:35
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓް
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓް
މުހައްމަދު ޝަރުހާން
ޝަރުއީ ކޯޓްތައް
މިދިޔައަހަރު ކްރިމިނަލް ކޯޓުގައި ނުނިމިވަނީ 1438 މައްސަލަ :ޑީޖޭއޭ
ކްރިމިނަލް ކޯޓުގައި ނުނިމި ބާކީ އޮތް 1438 މައްސަލައިގެ ތެރެއިން 68 ޕަސެންޓް މައްސަލަ އަކީ ހުށަހެޅުނުތާ އަހަރުނުވާ މައްސަލަ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް ނުނިމި ވަނީ 1438 މައްސަލަ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރޭ ޝަރުއީ ކޯޓްތަކުގެ މިދިޔަ އަހަރުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފިއެވެ.

ޑީޖޭއޭ އިން ނެރެފައިވާ ޝަރުއީ ކޯޓްތަކުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގައި ނުނިމި ބާކީ އޮތް 1438 މައްސަލައިގެ ތެރެއިން 68 ޕަސެންޓް މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުނުވާ މައްސަލައެވެ. އެއީ 984 މައްސަލަ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން އަހަރުވެ ތިން އަހަރު ނުވާ 240 މައްސަލައާއި، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެފައިވާ 139 މައްސަލައަކާއި، ފަސް އަހަރު ހޭދަވެފައިވާ 75 މައްސަލައެއް މިދިޔައަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގައި އޮތް ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޝަރުއީ ކޯޓްތަކުގެ ޕޯފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ކްރިމިނަލް ކޯޓަށް 806 މައްސަލަ ހުށަހެޅިފައިވާއިރު، މިދިޔައަހަރު 1408 މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ، 2015 ވަނަ އަހަރާ އަޅާބަލާއިރު 75 ޕަސެންޓު ގެ އިތުރުވުމެކެވެ. ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތައް މިހާ ބޮޑުތަން އިތުރުވެފައިވާއިރު، ކްރިމިނަލް ކޯޓަށް މިދިޔައަހަރު ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 61 ޕަސެންޓް މައްސަލަ އެކޯޓުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރުގެ ނިޔަލަށް އެކޯޓުގައި ނުނިމި އޮތް 890 މައްސަލައާއި، 2016 ވަނަ އަހަރު ހުށަހެޅުނު 1408 މައްސަލައާއެކު ޖުމްލަ 2298 މައްސަލައިގެ ތެރެއިން 37 ޕަސެންޓް މައްސަލަ 860 މައްސަލަ އެކޯޓުން 2016 ވަނަ އަހަރު ނިންމާފައިވެއެވެ.

މީގެއިތުރުން ޝަރުއީ ކޯޓްތަކުގެ މިދިޔަ އަހަރުގެ ޕާފޯމެންސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ ނިންމި މައްސަލަތަކުގެ އަދަދު ނިސްބަތުން ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. އެގޮތުން، ސިވިލް ކޯޓަށް މިދިޔަ އަހަރު 2732 މައްސަލަ ހުށަހެޅިފައިވާއިރު، 3326 މައްސަލަ ނިންމާފައިވެއެވެ.

ސިވިލް ކޯޓުގައި 2015 ވަނަ އަހަރު ނުނިމި އޮތް 1243 މައްސަލައާއި، މިދިޔައަހަރު ހުށަހެޅުނު 2732 މައްސަލައާއެކު، ޖުމްލަ 3975 މައްސަލައިގެ ތެރެއިން މިދިޔައަހަރު ނިމުނުއިރު ސިވިލް ކޯޓުގައި ނުނިމި ބާކީ އޮތީ 649 މައްސަލައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރާ އަޅާބަލާއިރު، ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުން ނިންމި މައްސަލަ ތަކުގެ އަދަދު 2016 އަހަރު ވަނީ އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު ހުށަހެޅުނު 1568 މައްސަލައިގެ ތެރެއިން 40 ޕަސެންޓް މައްސަލަ އެ ޑިވިޜަނުން ނިންމާފައި ވާއިރު، 2016 ވަނަ އަހަރު ހުށަހެޅުނު 1678 މައްސަލައިގެ ތެރެއިން 62 ޕަސެންޓް މަސަލަ އެޑިވިޒަނުން ނިންމާފައެވެ.

މިދިޔައަހަރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެފައިވާ މައްސަލައިގެ އަދަދަކީ އެންމެ 3 އެވެ. އެއީ ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ 5 ޕަސެންޓްއެވެ. ސިވިލް ކޯޓުގައި ނުނިމި އޮތް މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެފައިވާ 3 މައްސަލައިގެ ތެރެއިން 2 މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުވެ ތިން އަހަރު ނުވާ 2 މައްސަލައެވެ. ބާކީ އޮތް މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ ތިން އަހަރާއި ފަސް އަހަރުގެ މުއްދަތެއް ހޭދަވެފައިވާ މައްސަލައެކެވެ. ކޯޓަށް މައްސަލަ ހުށަހެޅުނުތާ 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އެއްވެސް މައްސަލައެއް އެކޯޓުގައި ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް