ރައީސް އަބްދުﷲ ޔާމީން 2013 ގެ ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވީ ފަސް އަހަރު ތެރޭގައި ރާއްޖެއިން ތެޔޮ ނަގަން ނޫން ކަމަށާއި، ތެލާއި ގުޅޭ ގޮތުން މެނިފެސްޓޯގައި އޮތް ވައުދު ފުއްދިއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ޝައިނީ ވިދާޅުވި ގޮތުގައި ވައުދުވީ ރާއްޖޭގައި ތެޔޮ ހުރި ކަމަށްވާނަމަ ތެޔޮ ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. އަދި ސަރުކާރުން މިހާރު އެ މަސައްކަތް ކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ރާއްޖެއިން ތެޔޮ ހޯދުމުގެ ކަންތައްތަކުގައި ސަރުކާރުން އެންމެ އިސްކޮށް ހުންނަވާ ޝައިނީ ވިދާޅުވީ ސަރުކާރުން ވައުދުވީ ފަސް އަހަރުގެ ތެރޭގައި ތެޔޮ ނަގަން ނޫން ކަމަށާއި އެކަމަކީ ފަސް އަހަރުގެ ތެރޭގައި ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ތެޔޮ ހުރި ތަނަކުން ތެޔޮ ހޯދައިގެން ނެގުމާ ދޭތެރޭގައި އެވަރޭޖްކޮށް 10 އަހަރު ދުވަސް ނަގަ އެވެ. ތެޔޮ ނެގުމަށް ކުރަންޖެހޭ މަސައްކަތް އަންނަ އަހަރު ނޫނީ މިއަހަރުގެ ފަހުކޮޅު އަލުން ފަށާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ސަރަހައްދުގައި ތެޔޮ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި މަދުވެގެން ހަތަރު ތެޔޮބަންކަރު ހަދާނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެއެވެ.
މީގެ ކުރިން ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ތެޔޮ ހޯދުމުގެ މަސައްކަތުގައި ދެން އޮތީ އެކިއެކި ޔުނިޓްތަކަށް ބަހާލައިގެން ލައިސަންސް ބޭނުންކޮށްގެން ރިސާޗްކޮށް، ބޮޑު ތެޔޮ ވަޅެއް ހުރިތޯ ބެލުމެވެ. އަދި އެ ފުންމިނުން ނަގައިގެން ބާޒާރުގައި ހުރި އަގަށް ބަލައި ތެޔޮ ސާފުކޮށްގެން ވިއްކާއިރު ދެކޮޅު ޖެހޭތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޝައިނީ ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް އޭނާ ކުރެއްވި ދަތުރުފުޅުގައި ބައްދަލުކުރެއްވި، ކަމާ ގުޅުންހުރި ބޭފުޅުން ލަފާދެއްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަމަޔަކަށް އެޅިގެން ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާ ވަރު ވަންދެން ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް މަޑުޖައްސާލަން ކަމަށެވެ.
ޖަރުމަނުގެ ހެމްބާގް ޔުނިވަސިޓީން 2015 ވަނަ އަހަރު މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަހައްދަކުން ހެދި ދިރާސާއަކުން ތެޔޮ ހުންނަ ސަރަހައްދުގައި އުފެދޭ ކަަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖޭން ފެނިފައިވާ ކަމަށާއި އެއީ ތެޔޮ ނުވަތަ ގޭސް ހުރި ކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 2015 ވަނަ އަހަރުގެ ފަހުކޮޅު ބ. އަތޮޅުގެ އިރު އުތުރާއި އިރު ދެކުނުން ތެޔޮ ހުރެދާނެ ފަދަ ލޭޔަރެއް ފެނިފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.