ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވާ ޣައިރުގާނޫނީ އަމުރުތަކަށް ދިފާއީ ހިދުމަތްތަކުން ތަބާވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކޮށް ޖަލުގައި ބަހައްޓާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ގާނޫނުތަކާއި ހިލާފަށް ފާރިސް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 55 ދުވަސް ވެއްޖެ ކަމަށާއި އެފަދަ ކަންތައްތަކަށް ސަލާމަތީ ހިދުމަތްތަކުން އެއްބާރުލުން ދޭން ނުޖެހޭނެ ކަމަށެވެ.
MP Faris unlawfully held in prison for over 55 days. The security services must not support President Yameen's unlawful actions.
— Mohamed Nasheed (@MohamedNasheed) September 8, 2017
ފާރިސް ހައްޔަރު ކޮށްފައިވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާ ހާސިލް ކުރުމަށް ކަމަށާއި އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ. ފާރިސް ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާގެ ވަކީލުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްއަށް ސިޓީ ފޮނުވާފަ އެވެ.