އެމްޑީޕީ ޔޫތް ވިންގްގެ ރައީސް މީކާއިލް ނަސީމު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް މީކާއިލްގެ ބަޔާން ނަގާފައިވަނީ އޭނާ ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހްމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 615 (ހ)ގެ ދަށުންނެވެ. އެއީ ފުލުހުންގެ މުއައްސަސާއާއި މެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ކުށެވެ.
މީކާއީލް ބުނީ އޭނާ ފުލުހުން ކޮށްފައިވާ ތުހްމަތުކަށް އިންކާރުކޮށް ބަޔާން ދީފައިވާނެ ކަމަށެވެ.
މީކާއިލް އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ފަރާތެކެވެ. އެގޮތުން ސަރުކާރުން ހިންގަމުންދާ ތަފާތު އެކި ކަންކަމަށް ފާޅުގައި މީކާއިލް ފާޑު ކިޔައެވެ.
މީކާއިލް އާއެކު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންވީ ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފާއި ގާނޫނީ ވަކީލް އަބްދުﷲ ޝާއިރެވެ.