ރާއްޖެ ޕްލަސްގެ ނަމުގައި އާ އެންޓަޓެއިންމެންޓް ޗެނަލެއް ތައާރަފް ކޮށްފި އެވެ
ހުކުރު ދުވަހު ތައާރަފު ކުރި މި ޗެނަލުން މުނިފޫހި ފިލުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭނެ އެވެ.
މި ވަގުތު ހެނދުނު އަށަކުން 12 އަށް ބްރޯޑްކާސްޓްކުރާ މި ޗެނަލް ލިބޭނީ ހަމައެކަނި ދިރާގު ޓީވީ މެދުވެރިކޮށެވެ. ނަމަވެސް، މީޑިއާނެޓް މެދުވެރިކޮށް ވެސް ޗެނަލް ލިބޭނެ އިންތިޒާމު، ހަމަޖައްސާނެ ކަމަށް ރާއްޖެ ޕްލަސް ހިންގާ އާރު ޕްރޮޑަކްޝަނުން ބުންޏެވެ.
ރާއްޖެޓީވީގެ ދަށުން ހިންގާ ރާއްޖެޕްލަސް ރަސްމީކޮށް އިފްތިތާހުކުރުން މި އަހަރު ފަހުކޮޅު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
"އެ ހިސާބަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކޮންޓެންޓް މުއްސަނދި ކުރުމަށް. މުނިފޫހި ފިލުވުމުގެ ދާއިރާގެ މީހުންނާއެކު މިހާރު ވެސް މިދަނީ އެއްބަސްވުންތައް ހަދަމުން،" ރާއްޖެ ޕްލަސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ރާއްޖެ ޓީވީ ގޮތަށް ރާއްޖެ ޕްލަސް އަކީ ވެސް ވަރުގަދަ ޗެނަލަކަށް ހެދޭނެ ކަމުގެ އުއްމީދު އެބަ އޮތެވެ. އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.