ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 22:23
މަޚްލޫފް ޓްވީޓް ކުރެއްވި ސޮފްވާންގެ ފޮޓޯ
މަޚްލޫފް ޓްވީޓް ކުރެއްވި ސޮފްވާންގެ ފޮޓޯ
ޓްވިޓަރ
ބްރޯޑްކޮމް
ބްރޯޑްކޮމްގެ ސޮފްވާނަށް، މެންބަރު މަޚްލޫފްގެ "ތަރުޚީބުގެ" އަތްތިލަބަޑި!
މަޚްލޫފް ޓްވީޓް ކުރެއްވީ ސޮފްވާން މުލިއާގެއިން ނުކުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާ ގުޅިގެން
މެންބަރުންގެ މިނިވަންކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާ
ކޮމިޝަންގެ ގިނަ މެންބަރުންނަކީ ކުރިން ސީދާ ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ހަރަކާތްތެރިވި ފަރާތްތައް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އިސްމާއިލް ސޮފްވާންގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ގޮތަށް، ވައްބަހުން ޖައްސަވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް، ސޮފްވާނަނަށް "ތަރުޚީބުގެ" އަތްތިލަބަޑި ޖައްސަވައިފިއެވެ.

ވެރިކަންކުރާ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން، ޚާއްސަކޮށް، އުއްތަމަ ކަމަނާ، ފާތުމަތު އިބްރާހިމްގެ ސިޔާސީ މަސައްކަތްތައް ކުރެއްވުމަށް މިހާރު ބޭނުންކުރައްވާ މުލިއާގެއިން ސޮފްވާން ނުކުންނަވާ މަންޒަރު ފެންނަ ފޮޓޯ އަކާއި އެކު ބުރާސްފަތި ދުވަހުގެރޭ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮޓޯއިން ފެންނަނީ، "މިނިވަންކަމާއިއެކު މަސައްކަތް ނިންމެވުމަށްފަހު" ސޮފްވާން މުލިއާގެއިން ނުކުންނަވާ މަންޒަރު ކަމަށެވެ. އަދި މިއާއި ވިދިގެން މަޚްލޫފް ވަނީ ޕީޕީއެމްއިން ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޭނުން ކުރަމުންދާ ހޭޝްޓެގް ބޭނުންކުރައްވާ، "ދެން އަތް ޖެހުމަށް" ވިދާޅުވެފައެވެ.

މަޚްލޫފް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ޚާއްސަކޮށް ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިމެނޭ ގޮތަށް، ގިނަ ބަޔަކު ދަނީ ބްރޯޑްކޮމްގެ މެންބަރުންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން މި ދައުރުގައި ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، ކޮމިޝަނަށް އައްޔަންކުރެވުމުގެ ކުރިން، ސީދާގޮތުން ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށާއި، މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުގައި މަސައްކަތްކުރި ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، އެ ކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ޝަހީބު އާއި، އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް މުޙައްމަދު އަސްލަމާއި، މެންބަރުންގެ ގޮތުގައި ތިއްބެވި ޒީނާ ޒާހިރު އާއި ފާތިމަތު ޒައިނާ އާއި ޙަސަން ނަބާޙު އަދި އިސްމާއިލް ސޮފްވާންގެ އިތުރުން އަލްއުސްތާޛާ އާމިނަތު ސަރާޙަތު ޢިއްޒަތެވެ. މީގެ ތެރެއިން ޒީނާ ޒާހިރު އާއި ފާތިމަތު ޒައިނާ އަކީ ބްރޯޑްކޮމްއަށް އައްޔަނު ކުރެއްވުމާއި ހަމައަށް މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުގައި މަސައްކަތްކުރެއްވި ދެ ކަނބަލުންނެވެ. އަދި ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ރައީސް ޔާމީން ޕްރޮމޯޓް ކުރެއްވުމުގައި ޙަސަން ނަބާޙު ހަރަކާތްތެރިވެވަޑައިގަތްއިރު، ކޮމިޝަނަށް އައްޔަން ކުރެއްވުމުގެ ކުރިން ސޮފްވާން މަސައްކަތް ކުރެއްވީ ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ހިންގާ އަސުރުމާ މީޑިއާ ޕްލެޓްފޯމްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް