އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ބުނި އިރު ހީނާގެ އެޑިޓަރު ކަމުގައި ހިންގި ދިޔަރެސް ނޫހުން އަންހެނުންނަށް މަލާމަތް ކޮށް ބުލީކޮށް އަބުރު ކަތިލި ވަރާ ގާތައް ވެސް ހީނާ އަށް ރައްދުވާ ގޮތައް މީހަކަށް އެއްޗެއް ބުނެވޭނެހެން ހިޔެއް ނުވެއެވެ.
ގަބޫލު ކުރަން ޖެހޭ ހަގިގަތަކީ މާސިންގާ ބޮޑު ވައްކަމެއް ކުރި ކަމުގެ ތުހުމަތު އެންސްޕާ ގެ ބޮލުގައި އެޅިފައިވާއިރު އެތަން ހިންގަން ހުރީ ހީނާ ވަލީދު ކަމާއި އޭނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް ވާ ކަމެވެ. ރައްޔިތުންގެ ފައިސާ އަށް ޚިޔާނަތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ އިރު އަންހެނަކަށް ވީތީއޭ ބުނެ އެކަމުން ރެކެން އުޒުރު ދެއްކޭނީ ވަކި ކިހިނެއް ބާވައެވެ؟
ބޮޑެތި މަގާމުތަކަށް ދާއިރު އަދި އަމުދުން ރައްޔިތުން އަބަދުމެ ހިދުމަތް ހޯދަން ދާ ތަނެއްގެ ވެރިއަކަށް އަންހެނަކު ހުރިކަމުގައި ވިޔަސް ނުވަތަ ފިރިހެނަކު ހުރިކަމުގައި ވިޔަސް ސިއްސައިގެން ދާވަރުގެ ވައްކަމެއް އެތަނުގައި ހިނގި ކަމަށް ތުހުމަތު ކުރެވޭ ހާލަތެއްގައި ނަމަ ރައްޔިތުން އެވާހަކަ ދައްކާނެ އެވެ. ބޮޑެތި މަގާމުތަކަށް އަންނަން ޖެހެނީ ހަމައެކަނި އެ މަގާމުތަކުގެ އަރާމާއި އުފާ ހާސިލު ކުރާކަށް ނޫނެވެ. ހުރިހާ މާނަ އެއްގައި ވެސް ޒިންމާ އުފުލާ ކަންކަމުގައި ޖަވާބުދާރީ ވުމަށެވެ.
މީހުން ހީނާ އަށް ފުރައްސާރަކުރި ވާހަކަ ބޮޑު ޖަލްސާ އެއް ގައި ރޮއެ، ގިސްލަމުން ދެއްކި އިރު، ހީނާ އަކީ ދިޔަރެސް ކިޔާ ނޫހެއް ހަދައިގެން މީހުންގެ އަބުރުކަތިލަމުން ހޭބޯ ނާރާ އުޅުނު މީހެއްކަން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ އަބުރުކަތިލާ އެއްޗެހި ގޮވީ ހަމަ ހީނާ ހިންގި ނޫހުންނެވެ. ހަމަ އެގޮތައް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ އަބުރު ކަތިލީ ވެސް ހަމަ ހީނާގެ ނޫހުންނެވެ. އެއީ މުޅިން ވެސް އަންހެން ބޭފުޅުންނެވެ. މިފަދަ އެތައް މިސާލެކެވެ. މިވަރުގެ ކަންކަން ކޮށްފައި ހުރި މީހަކު އިއްޔެގެ މަތިން ހަނދާން ނައްތައިލައި، އަންހެނަކަށް ވީތީ އޭނާ އަށް މީހުން ފުރައްސާރަ ކޮށް ބުލީ ކުރާ ވާހަކަ ދެއްކީމާ އައިބުވާ ގޮތްވެއެވެ.
ތިމަންނާއޭ ކިޔައިގެން އެކި ޒަތްޒާތުގެ ވާހަކަ ދައްކާއިރު ހަގީގަތަކީ މިއަދު ރައްޔިތުން އެއްޗެހި ކިޔަނީ ވަކި ނަމެއް ކިޔާ މީހަކަށް ވީތީ އެއް ނޫނެވެ. ނޫސްތަކުގައާއި މީސްމީޑިއާ ގައި މީހުން ކަންބޮޑުވެގެން ދައްކާ ވާހަކަ އަކީ ރައްޔިތުންނަށް އިޖުތިމާއީ ރައްކައުތެރިކަން ހޯދައިދިނުމަށް ރައްޔިތުންގެ ފައިސާ އިން ހިންގާ އެންސްޕާ އިން ޓީވީ އެއް ހަދަން 39 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކަ އެވެ. ކޮންމެ ބަޔަކު ކުރި ނަމަވެސް އެވާހަކަ ދައްކާނެ ނޫން ބާވައެވެ؟ ތަހުގީގު ވެސް ކުރަންޖެހޭނެ ނޫން ބާވައެވެ؟ ފިޔަވަޅު ވެސް އަޅަން ޖެހޭނެ ނޫން ބާވައެވެ؟ ކަރަޕްޝަން ނައްތާލާނެ ކަމަށް އެއް ކޮޅުން ގަދައަޑުން ރައީސް އެބަ ވާހަކަ ދައްކަވައެވެ. އެއްވެސް ޖާގަ އެއް އެމަނިކުފާނުގެ ސަރުކާރުގައި ކަރަޕްޝަނަށް ނޯންނާނެ ކަމަށް ވެސް އެބަ ވިދާޅުވެއެވެ. އެއީ ހަގީގީ މާނައިގައި ދައްކަވާ ވާހަކަ ނަމަ ބޮޑު ޚިޔާނާތެއްގެ ވާހަކަ ފެންމަތި ވުމުން ޖަޒުބާތުގައި އެއާ އިދިކޮޅަށް ވާހަކަ ދައްކާ އޮއްބާލަންވީ އެއް ނޫނެވެ. އެކަންކަން ބަލާ ރައްޔިތުންގެ ފައިސާ އިން އެއްޗެއް ގެއްލިފައިވާ ނަމަ އެކަމުގެ އިންސާފު ރައްޔިތުންނަށް ހޯދައިދޭންވީ އެވެ.