ޕީއެންސީން ހުކުރު ދުވަހުގެ ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި އެއްކުރެވުނީ އެ ޕާޓީގައި ތިބި 60،000 އަށްވުރެ ގިނަ މެމްބަރުންގެ ތެރެއިން އެންމެ 13،000 މެމްބަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން ގެނައުމަށް މަސައްކަތް ކުރިއިރު، ބޮޑު މަންޒަރެއް ދެއްކުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަން މި އަދަދުތަކުން ހާމަވެ އެވެ.
ޖަލްސާގައި ވާހަކަ ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ރޭ ބޭއްވޭ ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވާ ބައްދަލުވުން ކަމަށެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މިވަގުތު 13،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި އަދަދަކީ ޕީއެންސީގެ އިސް ފަރާތްތަކުން ކުރިން ލަފާކުރި އަދަދަށްވުރެ ވަރަށް ދަށް އަދަދެކެވެ.
މި ބައްދަލުވުމަކީ. އަޅުގަނޑު ބަލައިލިއިރުގަ ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން. މިވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމުގެ ޔަގީންކަން އަޅުގަނޑު މި އަރުވަނީ،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު![]()
ޑީއެންއާރުން ބޮޑެތި ވައްކަން ކޮށްގެން 60،000 މެމްބަރުން ހަމަކުރި ޕީއެންސީގެ ބައެއް އިސް ފަރާތްތަކުން މީގެ ކުރިން ބުނެފައިވަނީ، މި ޖަލްސާއަށް މަދުވެގެން 15،000 މީހުން އެއްތަންކުރާނެ ކަމަށެވެ. އެހެންނަމަވެސް، އެ އަދަދަށް ވުރެ ވަރަށް މަދު މީހުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.
ޕީއެންސީގެ ބޮޑު ޖަލްސާއަށް މީހުން ގެނައުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ މިއިން ޒަމާނަކު ރާއްޖޭގެ ސަރުކާރަކުން ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް މީހުން ގެނައުމަށް ނުކުރާހާ ގިނަ މަސައްކަތް ކޮށްފަ އެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކުން ޖަލްސާއަށް މީހުން ގެނައުމަށް ބޮޑެތި ކަންކަން ރާވާފައިވާކަން ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި ޖަލްސާއަށް އެތައް މިލިއަން ރުފިޔާއެއް ޕީއެންސީގެ ފަރާތުން ހަރަދުކުރާނެ ކަމަށް، އެ ޕާޓީއަށް ނިސްބަތްވާ އިސް ފަރާތްތަކުން ވަނީ މީގެ ކުރިން ފަހުރުވެރިކަމާއެކު ވިދާޅުވެފަ އެވެ. މި ޖަލްސާއަށް 50 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވެސް ވަނީ ވިދާޅުވެފަ އެވެ. އަބްދުއްރަހްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ޖަލްސާގައި ބޮޑު މަންޒަރު ދެއްކުމަށް އަންލިމިޓެޑް ބަޖެޓެއް އޮތް ވާހަކައިގެ އިތުރުން، 50 މިލިއަން ރުފިޔާ ހަރަދުވާ ވާހަކަ ވެސް އަޑުއިވިފައިވާ ކަމަށެވެ.
އަންލިމިޓެޑް ބަޖެޓެއް ލިބިގެން، 60،000 މީހުންގެ ތެރެއިން އެންމެ 13،000 މީހުން އެއްކުރެވުމަކީ ބޮޑު ނާކާމިޔާބީއެއްކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. މި އަދަދުތަކުން ދައްކާ ގޮތުގައި، ޕީއެންސީގެ މެމްބަރުންގެ ތެރެއިން ޝައުގުވެރިކަމެއް އުފެދިގެން ޖަލްސާގައި ބައިވެރިވީ ވަރަށް މަދު ބައެއްކަން އެނގެ އެވެ. މީގެ އިތުރުން، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން މީހުން ގެނައުމަށް ކުރި މަސައްކަތުން ވެސް ބޮޑު ނަތީޖާއެއް ނުނެރެވުނުކަން ހާމަވެއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދު އުފުލަން އުދަގޫވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރު ހިންގާ ޕާޓީއެއްގެ ޖަލްސާއަކަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ހަރަދުކުރަނީ ކޮން ގޮތަކުން ހޯދައިގެންތޯ ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ރައްޔިތުންގެ ޓެކްސްގެ ފައިސާއިން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަސީލަތްތައް ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް ބޭނުންކުރުމަކީ ގާނޫނީ ގޮތުން ވެސް މައްސަލަ އުފެދޭ ކަމެއްކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ފާހަގަކުރެ އެވެ.
މި ޖަލްސާއަށް ބޮޑު ތައްޔާރީތަކެއް ކުރިއިރު، ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެނައުމަށް ސަރުކާރުގެ ފަރާތުން ބޮޑެތި ހަރަދުތަކެއް ކުރިކަން ވެސް ފާހަގަކުރެވެ އެވެ. ބައެއް ރަށްރަށުން މީހުން ގެނައުމަށް ސަރުކާރުގެ ފަރާތުން ހާއްސަ ފެރީތަކާއި ސްޕީޑް ބޯޓްތަކާއި ފްލައިޓް ތައް ހަމަޖައްސައި ދީފައިވާކަމަށް ބުނެއެވެ. އަދި ބައެއް ސަރުކާރު މުވައްޒަފުންނަށް ޖަލްސާގައި ބައިވެރިވުމަށް ޕްރެޝަރު ކުރިކަމުގެ ޝަކުވާތައް ވެސް ވަނީ ލިބިފަ އެވެ.
ޖަލްސާ އަށް ހާޒިރުވި ގިނަ މެންބަރުންނަކީ އެ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅު، އެހެން ނަމަވެސް ވަޒީފާގެ ބިރައްޓަކައި ހާޒިރުވި މެންބަރުންނެވެ.
މި ޖަލްސާގެ ނަތީޖާއިން ދައްކަނީ، ޕީއެންސީގެ މެންބަރުންގެ ތެރޭގައި ވެސް އެ ޕާޓީގެ ލީޑަރޝިފާ ދޭތެރޭ އިތުބާރު ނެތްކަމެވެ. އެތައް މިލިއަން ރުފިޔާއިން ޚަރަދުކޮށް، ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެސް، ބޮޑު އަދަދެއްގެ ބަޔަކު ޖަލްސާއަށް ހާޒިރުކުރުމަށް ނުކުޅެދުމަކީ، ޕީއެންސީއަށް ކުރިމަތިވި ސިޔާސީ ނާކާމިޔާބީ އެއް ކަމަށް ގިނަ ފަރާތްތަކުން ދެކެ އެވެ.